ކޮވިޑް 19ގެ ސަބަބުން ގެއްލުންވި ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ރިލީފް ލޯނު 38 ފަރާތަކަށް ދޫކޮށްފި ކަމަށާއި އެހެން ލޯނުތައް ހަފުތާއެއް ތެރޭގައި ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދޫކުރާ ރިލީފް ލޯނު 38 މީހަކަށް ދޫކޮށްފައިވާ އިރު، 263 ލޯނު އެޕްލިކޭޝަން ބަލައިގަނެފައިވާ ކަމަށެވެ.
މީގެ އިތުރުން މިހާތަނަށް 57 އެޕްލިކޭޝަން ފޯމެއް ރިޖެކްޓުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިހާރުގެ ޖުމްލަ %25 އެޕްލިކޭޝަންތައް ޕްރޮސެސްކޮށްފައިވާ ކަމަށާއި ކުރިއަށްއޮތް ހަފްތާތެރޭ ގާތްގަނޑަކަށް %90 ފޯމުތައް ޕްރޮސެސްކޮށް ނިންމާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ރިލީފް ލޯނުތައް ދޫކުރުމުގައި ލަސްތަކަކާ ކުރިމަތިވެ، މަސައްކަތަށް ލޮޅުން އެރީ ލޮކްޑައުނަކަށް ދިއުމުގެ ސަބަބުން ކަމަށެވެ. އަދި މިނިސްޓްރީގެ އިތުރުން އެސްޑީއެފްސީގެ ބައެއް މުވައްޒަފުން އައިސޮލޭޝަނަށް ދާން ޖެހުމުންވެސް މަސައްކަތަށް ބުރޫ އަރައި، މަސައްކަތް ލަސްވިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ރިލީފް ޕެކޭޖު ދޫކުރުމަށް ނިންމާފައިވަނީ ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަކީ ހަ އިންސައްތަ އިންޓަރެސްޓުގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑާކާއެކުގައި ދޫކުރެވޭ ލޯނުތަކެއްކަމަށް މީގެ ކުރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި މުއްދަތުގައި އިންޓްރަސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެ ކަމަށާއި ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.