ކޮވިޑް 19ގެ ސަބަބުން ގެއްލުންވި ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ރިލީފް ޕެކޭޖުން ލޯނު ނެގުމަށް 1100 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި ކަމަަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރިލީފް ފަންޑުގެ ތެރެއިން އެސްއެމްއީ ބެންކަށް މިހާތަނަށް ލިބިފައިވަނީ 764 ވިޔަފާރީގެ ލޯނު ފޯމު ކަމަށެވެ. އަދި ސެލްފް އެމްޕްލޯއީޑް މީހުންގެ ތެރެއިން 403 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ޖުމުލަ 1167 ލޯނު އެޕްލިކޭޝަން ކަމަށެވެ. މީގެތެރެއިން މިހާ ހިސާބަށް ފައިސާ ދޫކުރެވިފައިވަނީ 38 ލޯނަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެޕްރޫވު ކުރެވިފައިވަނީ 263 ލޯނެއް ކަމަށާއި 57 އެޕްލިކޭޝަނެއް ރިޖެކްޓު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބާކީ ހުރި އެޕްލިކޭޝަންތަކުގެ 90 ޕަސެންޓު އަންނަ ހަފުތާގައި ނިންމަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މި ރިލީފް ޕެކޭޖުތަކަކީ ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ ރިލީފް ޕެކޭޖެކެވެ. ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަކީ ހަ އިންސައްތަ އިންޓަރެސްޓުގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑާކާއެކުގައި ދޫކުރެވޭ ލޯނުތަކެކެވެ. ނަމަވެސް މި މުއްދަތުގައި އިންޓްރަސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ.