ޖޮބް ސެންޓަރުގައި 2200 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އަންނަ ހަފުތާގައި ފައިސާ ދޫކުރަން ފެށޭވަރު ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެކި ގޮތްގޮތުން އާމްދަނީއަށް އަސަރުކޮށްގެން މިހާތަނަށް ޖުމްލަ 2291 މީހަކު ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ.
މީގެ ތެރޭގައި ނޯޕޭގެ ގޮތުގައި 639 މީހެއް، ވަޒީފާއިން ވަކި ކުރިކަމަށް 571 މީހެއް، މުސާރަ ކުޑަކޮށްގެން 385 މީހެއް، ވަޒީފާއިން ސަސްޕެންޑު ކޮށްގެން 162 މީހެއް އަދި ސެލްފް އެޕްމްލޯއީޑް މީހުންގެ ތެރެއިން އާމްދަނީއަށް އަސަރުކޮށްގެންކަމަށް ބުނެ 280 މީހަކު ޖޮބް ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މީގެ ތެރޭގައި އަދި އިތުރު ކެޓަގަރީގެ މީހުންވެސް ހިމެނޭނެ ކަމަށެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ވީ މީހުންގެ އަދަދު މިކަމާ ގުޅޭ އުސޫލު އާންމު ކުރެވުމުން ކުރިއަށް އޮތްތާގައި އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން މި އުސޫލު ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭ ގެޒެޓު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ވަޒީފާ ގެއްލޭ މީހުންނަށް އެލަވަންސް ދިނުމުގެ ވާހަކަ ކުރިންވެސް ދެކެވުނު ކަމަށާއި، އެ މަސައްކަތް ކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވަނީ ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކެއް ހުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިކަމަށް ހާއްސަ އުސޫލެއް ގާއިމް ކުރަނީ ދެފުށް ފެންނަ އަދި ގާނޫނީ ބާރު މި ޕްރޮގްރާމަށް ދިނުމުގެ ގޮތުން ކަމަށެވެ. އަދި ވަޒީފާ ގެއްލޭ މީހުންނަށް އެލަވަންސް ދިނުމުގެ ކަންކަން މިހާރުވެސް ކުރިއަށް ގެންދެވިދާނެ ކަމަށާއި، ނަމަވެސް އޭރުން އެކަމަށް އެއްވެސް ގާނޫނީ ބާރުވެރިކަމެއް ލިބިފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއުސޫލު ގެޒެޓުކުރެވުމުން އަންނަ ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ފެށޭވަރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އުސޫލު އެކުލަވާލާއިރު އަމިއްލަ މަސައްކަތް ކުރާ މީހުން ނުވަތަ ސެލްފް އެމްޕްލޯއިޑް މީހުން މި ސްކީމަށް އެޕްލައިކުރުމުގައި ބަލާނެ ޝަރުތުތައް އާންމު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.