ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީންގެ މުސާރަ އިން 32 ޕަސެންޓް ކުޑަކުރަން ނިންމައިފި

އިބްރާހިމް ޒަކީ

ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީންގެ މުސާރަ އިން 32 ޕަސެންޓް ކުޑަކުރަން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އަމީރު ވިދާޅުވީ މި ބަދަލުގެންނަން ޖެހުނީ، ކޮވިޑް 19ގެ މިހާލަތުގައި ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ދައުަލަތުގެ މާލިއްޔަތަށް އިތުރު ބަދަލުތަކެއްް ނާންނާތީ އާއި ކުރިއަށް އޮތްތަނުގައި އިތުރަށް ހާލަތު ގޯސްވެގެންދާނެތީ ކަމަށެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ކުންފުނިތަކުގެ އެމްޑީ، ޑީއެމްޑީންގެ މުސާރައިން 32 އިންސައްތަ ކުޑަކުރާއިރު، އަސާސީ މުސާރައިން 22 އިންސައްތައިގެ އިތުރުން ބޯޑު އެލަވަނަސްގެ ގޮތުގައި ލިބޭ 11،500 ރުފިޔާވެސް ކަނޑާލާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، 20،000 އާއި 25،000 ރުފިޔާއާ ދެމެދުުގެ މުސާރަތަކުން 20 އިންސައްތަ އުނިކުރަން ނިންމާފައިވާ ކަމަށާއި، 25،000 އާއި 60،000 ރުފިޔާ ލިބޭ ފަރާތްތަކުގެ މުސާރައިން 30 އިންސައްތަ އަދި 60،000 ރުފިޔާއިން މަތި ލިބޭ ފަރާތްތަކުން 35 ޕަސެންޓް ކަޑައިލުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު މުވައްޒަފުން (ސިވިލްސާނަންޓުން)ގެ ތެރެއިން މުސާރަ 10،000 އަށްވުރެ ދަށް މުވައްޒަފަކަށް މި ހާލަތުގައި އެލަވަންސްތަކާއެކު އެންމެ ބޮޑުކޮށް ގެއަށް ގެންދެވޭނީ 25،000 ރުފިޔާ ކަމަށެވެ.

"އޭގެ މާނައަކީ 10،000 ރުފިޔާއަށް ވުރެ ދަށް މުސާރައެއް ލިބޭމީހަކު، އަސާސީ މުސާރަ 10،000 އަށްވުރެ ދައްވެއްްޖެއްޔާ އެމީހަކަށް ގެއަށް ގެންދަން ލިބޭނެޔޭ، ކެޕްކޮށްފަ އެންމެ މަތީ ސެލަރީއަކަށްވެެގެންދާނީ 25،000 ރުފިޔާއޭ، އެހެނިހެން އެލަންވަސްތައް ލައިގެންވެސް،" މިނިސްޓާރު ވިދާޅުވިއެވެ.

މިނިސްޓާރު ވިދާޅުވީ ބައެއް ކުންފުނިތަކަކީ މަސައްކަތް ނުހިނގި ނަމަވެސް މުވައްޒަފުންނަށް ބޮޑެތި މުސާރަތައް ދޭންޖެހޭ ކުންފުނިތައް ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ މުސާރަތަކަށް ބަދަލު ގެންނަނީ އެފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށާއި މިއީ އެ މުވައްޒަފުންނާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ވަރަށް ގިނަ ކުންފުނިތައް އެބަހުރި ހުއްޓުމަކަށް އައިސްފައި. މިސާލަކަށް އަޅުގަނޑުމެން އައިލެންޑް އޭވިއޭޝަން ނަގާކަމަށްވާނަމަ އައިލެންޑް އޭވިއޭޝަންގެ ވަރަށް ގިނަ އުދުހުންތައް އެހެރީ ހުއްޓިފައި. ވަރަށް ބޮޑެތި މުސާރަތައް އެބަދެވޭ. އެހެންވީމަ މި ދަނޑިވަޅުގައި އަޅުގަޑުމެން އެއްބަސްވާން އެބަޖޭހޭ މުވައްޒަފުންނަށް ތިއްބަވާ ބޭފުޅުންވެސް އެއްބަސްވާން އެބަޖެހޭ ހަގީގަތުގައި އަޅުގަޑުމެން އެންމެން އެބަޖެހޭކަން މިކަމުގައި ބައިވެރިވާން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.