ސިޔާސީ މަގާމުތަކުގެ މުސާރަ 35 ޕަސެންޓާއި ހަމަޔަށް ކުޑަކުރަން ނިންމައިފި އެވެ.
އެކަން ހާމަ ކުރެއްވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށް އަނެއްކާވެސް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، މި ބަދަލު ގެންނަން ޖެހުނީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދައުލަތުގެ މާލިއްޔަތަށް އަންނަ ހީނަރުކަމަށް ލުޔެއް ގެނައުމުގެ އިތުރުން ކުރިއަށް އޮތްތަނުގައި މާލިއްޔަތު އިތުރަށް ގޯސްވާނެކަމަށް ފެންނާތީ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މުސާރައަށް މިގެނައި ބަދަލުގެ ތެރެއިން ސިޔާސީ މަގާމުތައް ކަމަށްވާ، ޑިޕިއުޓީ މިނިސްޓަރުންފެށިގެން މަތީ މަގާމު ތަކާއި، ކޮމިޝަންތަކުގެ އިސް ވެރިންނާއި ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީން ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިގެނައި ބަދަލާއެކު 20،000 ރުފިޔާއަށްވުރެ މަތީ މުސާރަތަކުން އެކި ޕަސެންޓުން މުސާރަ އުނިކުރެވޭނެ ކަމަށެވެ.
އެގޮތުން މުސާރަތަކުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، 20،000 އާއި 25،000 ރުފިޔާ އާ ދެމެދުގެ މުސާރަ ތަކުން ވިހި ޕަސެންޓް އުނިކުރަން ނިންމާފައިވާ ކަމަށާއި، 25،000 އާއި 60،000 ރުފިޔާ ލިބޭ ފަރާތްތަކުގެ މުސާރައިން 30 ޕަސެންޓް އަދި 60،000 ރުފިޔާއިން މަތީން މުސާރަ ލިބޭ ފަރާތްތަކުން 35 ޕަސެންޓް ކަނޑައިލުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރު މުވައްޒަފުން (ސިވިލްސާވަންޓުން)ގެ ތެރެއިން އަސާސީ މުސާރަ 10،000 އަށްވުރެ ދަށް މުވައްޒަފުންނަށް މި ހާލަތުގައި އެލަވަންސްތަކާއި އެކު އެންމެ ބޮޑުކޮށް ގެއަށް ގެންދެވޭނީ 25،000 ރުފިޔާ ކަމަށެވެ.
"އޭގެ މާނައަކީ ދިހަ ހާސް ރުފިޔާއަށްވުރެ ދަށް މުސާރައެއް ލިބޭ މީހަކު، އަސާސީ މުސާރަ 10،000 އަށްވުރެ ދަށްވެއްޖެއްޔާ އެމީހަކަށް ގެޔަށް ގެންދަން ލިބޭނެ، ކެޕްކޮށްފަ އެންމެ މަތީ ސެލެރީއަކަށް ވެގެންދާނީ 25،000 ރުފިޔާއޭ، އެހެނިހެން އެލަންވަސްތައް ލައިގެންވެސް،" މިނިސްޓރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ކުންފުނިތަކަކީ މަސައްކަތް ނުހިންގި ނަމަވެސް މުވައްޒަފުންނަށް ބޮޑެތި މުސާރަތައް ދޭންޖެހޭ ކުންފުނިތައް ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މުސާރަތަކަށް ބަދަލު ގެންނަނީ އެފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށާއި، މިއީ އެ މުވައްޒަފުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށެވެ.
"ވަރަށް ގިނަ ކުންފުނިތައް އެބަހުރި ހުއްޓުމަކަށް އައިސްފަ. މިސާލަކަށް އަޅުގަނޑުމެން އައިލެންޑް އޭވިއޭޝަން ނަގާކަމަށް ވާނަމަ އައިލެންޑް އޭވިއޭޝަންގެ ވަރަށް ގިނަ އުދުހުންތައް އެހެރީ ހުއްޓިފައި. ވަރަށް ބޮޑެތި މުސާރަތައް އެބަދެވޭ. އެހެންވީމަ މި ދަނޑިވަޅުގައި އަޅުގަނޑުމެން އެއްބަސްވާން އެބަ ޖޭހޭ މުވައްޒަފުންނަށް ތިއްބަވާ ބޭފުޅުންވެސް އެއްބަސްވާން އެބަޖެހޭ ހަގީގަތުގައި އަޅުގަނޑުމެން އެންމެން އެބަޖެހޭކަން މިކަމުގައި ބައިވެރިވާން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.