ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޝަރުއީ ދާއިރާގެ ކުރިއެރުމަށް ޝައިހު ހުސައިން ޔޫސުފް ވަނީ އިހްލާސްތެރި ހިދުމަތްތަކެއް ކޮއްދެއްވައިފައި: ރައީސް

އިބްރާހިމް ޒަކީ

އަލް މަރްހޫމް ޝައިހު ހުސައިން ޔޫސުފް ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ދިގު މުއްދަތެއްގައި ހިދުމަތްތަކެއް ކޮށްދެއްވި އައްޝައިހް ހުސައިން ޔޫސުފް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ އާއިލާގެ ބޭފުޅުންނަށް ތައުޒިޔާ ވިދާޅުވެ، ދެއްކެވި ވާހަކަ ފުޅުގައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ، އެ އާއިލާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، ހުސައިން ޔޫސުފް އަވަހާރަވި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ހުސައިން ޔޫސުފް ކޮށްދެއްވި އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރެއްވިއެވެ. މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން އާއިލާއަށް ވަރަށް އިހްލާސްތެރި ތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވިއެވެ. އަދި އެ މަރްހޫމްގެ ފުރާނައަށް މާތްﷲ ހެޔޮ ޖަޒާ ދެއްވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމަށާއި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ހަޒުރަތުގައި ދުއާ ދަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އައްޝައިހް ހުސައިން ޔޫސުފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު ރޭގެ ވަގުތެއްގައި އިންޑިޔާގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 78 އަހަރެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އައްޝައިހް އަލްމަރްހޫމް ހުސައިން ޔޫސުފަކީ، 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ ބޮޑު އިސްޓޯރުގެ ކާތިބުކަމެވެ. އޭގެފަހުން، ވުޒާރަތުލް މައާރިފުގެ ކާތިބުކަންވެސް ކުރެއްވިއެވެ.

އައްޝައިހް އަލްމަރްޙޫމް ހުސައިން ޔޫސުފް، މަދީނަތުލް މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީން ޝަރުއީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ގާޒީކަމެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ހާއްސަ ގާޒީކަމާއި، އެ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ޖުޑީޝަލް އެފެއާޒް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޖުޑީޝަލް އެފެއާޒް ކަމުގެ މަގާމާއި، އެގެޒެކްޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި ގާނޫނީ ކަންކަމަށް ލަފާދޭ ހާއްސަ މުޝީރުކަން ކުރެއްވިއެވެ. ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 14 ޖޫން 2003 ގައެވެ.

ހުސައިން ޔޫސުފް އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގައެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާގެ ވަރަށް އިސް މަގާމުތަކެއްގައި ހުންނަވައިގެން އެ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކަކީ ފާހަގަކޮށްލެވޭ ހިދުމަތްތަކެކެވެ.

އައްޝައިހް އަލްމަރްހޫމް ޙުސައިން ޔޫސުފަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަކީލުކަމުގެ މަގާމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ހާއްސަ މުޝީރުކަމުގެ މަގާމާއި، މަދްރަސަތުލް ޠައިބާގެ އަރަބި އިސްލާމް ކިޔަވައިދޭ މުދައްރިސް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.