ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކޮވިޑް 19 އާ ގުޅިގެން ކުރެވޭ ހަރަދު ކޮންމެ ހޯމަ ދުވަހަކު ފިނޭންސް މިނިސްޓްރީން އާންމުކުރަން ނިންމައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ކުރެވޭ ހަރަދު ކޮންމެ ހޯމަ ދުވަހަކު ފިނޭންސް މިނިސްޓްރީން އާންމުކުރަން ނިންމައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުގެ ވައުދެއް ކަމަށްވާ ޒީރޯޓޮލެރަންސް ޓު ކޮރަޕްޝަންގެ ދަށުން މިހާލަތުގައިވެސް ކޮރަޕްޝަންތަކަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ކޮވިޑް 19 އާ ގުޅިގެން ކުރާ ހަރަދުތައް އާންމު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހަފްތާގެ ހޯމަދުވަހުން ފެށިގެން ދައުލަތުން ކުރާ ހަރަދުތަކުގެ ތަފްސީލު އާންމުކުރަން ފަށާފައިވާ ކަމަށެވެ.

"މިހަފްތާގެ ހޯމަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ކޮވިޑް 19 އާ ގުޅިގެން ކުރާ ހަރަދުތަކުގެ ތަފްސީލު އާންމުކުރަން ވަނީ ފަށާފައި. މީގެ ފަހުން ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ ދުވަހު އެހަފްތާއެއްގެ ހަރަދުތައް އާންމު ކުރަމުން ގެންދާނަން،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އޭގެ މައިގަނޑު ބޭނުމަކީ ކުރެވޭ ހަރަދާއި މަސައްކަތްތަކަކީ ދެފުށްފެންނަ އަދި ހާމަކަން ބޮޑު ޒިންމާދާރު ކަމާއެކު ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުމުގެ ބޭނުމުގައި ކަމަށެވެ.

އަމީރު ވިދާޅުވީ ކޮރަޕްޝަންގެ ފުރުސަތު ނުދިނުމަށް އޭސީސީން ވަނީ ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ އިރުޝާދު ނާމާއެއް އާންމުކޮށްފައި ކަމަށާއި އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކަމާ ގުޅޭ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ކަންކަން ކުރަންޖެހޭ އުސޫލެއް ބަޔާންކޮށް ސާކިއުލާއެއް ނެރެފައިވާ ކަމަށެވެ. މި ސާކިއުލާގައި މައިގަނޑު އަމާޒު ކޮށްފައިވަނީ ހަރަދަށް ޒިންމާ ވުމާއި، ލިޔެކިއުންތައް އެންމަ ފުރިހަމަ ގޮތުގައި ބެލެހެއްޓުމުގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.