ހުޅުމާލެއަށް މަސްކިރަން ދިޔަ ދޯންޏަކުން ހުޅުމާލެއަށް ފޭބި މީހަކު ހުޅުމާލޭގައި ރޭކުރުމަށްފަހު، ހުއްދަ ނުހޯދައި އއ. ރަސްދުށް ދިއުމުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެޗްޕީއޭ އަދި ރަސްދޫގެ ޓާސްކްފޯސްގެ ހުއްދައެއް ނެތި އަނބުރާ ރަސްދުއަށް ދިއުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރު ކުރި މީހާއަކީ މަސް ދޯނީގެ ފަޅުވެރިއެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ހުޅުމާލެއަށް ފައިބައިފައިވަނީ ހުޅުމާލޭގައި ހުންނަ އޭނާގެ އާއިލާ ކައިރިއަށް ދިއުމަށް ކަމަށާއި، އެގޭގައި އެއް ރޭ މަޑު ކުރި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު، ހުއްދަ ނުހޯދައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާ ކޮށްފައެވެ. އަދި މަސްވެރިންނަށް މަހަށް ދިއުމުގެ ހުއްދަ ދީފައިވީނަމަވެސް، މަސްކިރަންދާ ރަށްރަށަށް ދޯނީގެ ފަޅުވެރިން ފޭބުން ވަނީ ވަނީ މަނާ ކޮށްފައެވެ.