ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގައުމީ އަދި ދީނީ ކަންކަމުގައި އެންމެން އެއްބައިވުމަށް ނައިބު ރައީސް ގޮވާލައްވައިފި

ގައުމީ އަދި ދީނީ ކަންކަމުގައި އެންމެން އެއްބައިވެ ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު އެކަމަށް ގޮވައިލެއްވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ކ. މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ އެތައް އަހަރެއް ވެގެން ގޮސްފައިވާ އިރު، އިންސާނުންނަށް މި ބިންމަތީގައި މާތް ﷲ ދެއްވާފައިވާ އެންމެ މަތިވެރި އިސްލާމް ދީނުގެ ހިދާޔަތު ދިވެހީންނަށް ލިބިގެން ދިއުމަކީ މަތިވެރި ނިއުމަތެއް ކަމުގައި ފާހަގަކުރައްވައިފައެވެ.

ނައިބު ރައީސް ވިދާޅުވީ އިސްލާމީ ވަންތަކަމުގައި ތާ އަބަދު ދެމިތިބުމަށް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ މާތް ﷲގެ ކަލާމްފުޅުކަމުގައިވާ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅުން ކަމަށެވެ. އަދި ދިވެހިންނަކީ އެފޮތް އުނގެނޭ ބަޔަކަށް ވާންޖެހޭ ކަމަށާއި އެފޮތުގައި ބަޔާންކުރައްވާފައިވާ ކަންތައްތަކުގައި ހިފަހައްޓައިގެން ތިބިހާ ހިނދަކު އެއްވެސް އިންސާނަކު ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެން ނުދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއެކު މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އިސްލާމީ ވަންތަކަން ދިވެހިންގެ ތެރޭގައި ހިފެހެއްޓުމާއެކު އިސްލާމީ ރިވެތި އަހުލާގު ހުރިހާ ދިވެހިންގެ މެދުގައި ދެމެހެއްޓުން ކަމުގައި ހާމަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.