ޚަބަރު

ޖާބިރުގެ ކާސާމިއާ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ދިނުމަށް ނިންމައިފި

އައިދާ އަބްދުލް ހަކީމް

ޑީއާރްޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މަޖްލިސް މެންބަރު އަބްދުއްﷲ ޖާބިރު އއ. މަތިވެރީގައި ހިންގަމުން އަންނަ ގެސްޓްހައުސް މަތިވެރި ކައުންސިލުގެ އެދުމުގެ މަތިން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ދިނުމަށް ނިންމައިފިއެވެ.

ޑީއާރްޕީން ކުރި ޓްވީޓެއްގައި ބުނީ މަތިވެރީގެ ރައްޔިތުންނަށް ޖެހޭ ކޮންމެ ދަތިކަމެއްގައި ރިޗް ކްލަބުން އެހީތެރިވާން އަބަދުވެސް ތައްޔާރުކަމަށެވެ. ޑީއާރްޕީގެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ މަތިވެރި ކައުންސިލަކީ ވަރަށް ޒިންމާދާރު އަދި ހިންގުތެރި ކައުންސިލެއްކަން ފާހަގަ ކުރާކަމަށެވެ.

އއ. މަތިވެރި ކައުންސިލުން އެދިފައިވަނީ ކޮވިޑް 19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން މާލެއިން ރަށަށް ނާދެވި 30 މީހުން ލިސްޓުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު އެމީހުންނަށް ރަށަށް އާދެވޭނެ ވަކި ގޮތްތަކެއް އެޗްޕީއޭއިން ކަނޑައަޅާފައިވުމުން ކަރަންޓީން ފެސިލިޓީގެ މިންގަނޑަށް ފެތޭ ތަނެއްގައި އެމީހުން 14 ދުވަހުގެ މުއްދަތަށް ބޭތިއްބޭނަމަ އެމީހުން ގެންދިއުމުގެ ހުއްދަ އެޗްޕީއޭއިން އެ ކައުންސިލަށް ދީފައިވާ ކަމަށެވެ.

އެހެންކަމުން އަބްދުއްﷲ ޖާބިރު މަތިވެރީގައި ހިންގަމުން އަންނަ ގެސްޓްހައުސްގެ 14 ކޮޓަރި ރަށަށް ނާދެވި ތިބި މީހުން ބޭނުންކުރުމުގެ ހުއްދަ ދީފިނަމަ ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި އެމީހުން ގެނެސް ކެއިން ބުއިމުގެ ކަންކަން އެކައުންސިލުން ހަމަޖައްސާނެ ކަމަށެވެ. މީގެ އިތުރުން ކާޒާމިއާގައި މިހާރު ތިބި މީހުންނަށް އެކައުންސިލްގެ ފަރާތުން އެހެންތަނެއްގައި ތިބުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.