ޚަބަރު

އާންމުހާލަތަށް ރުޖޫއަވުމަށާއި އިގްތިސާދީ، އިޖުތިމާއީ ހާލަތު އާރާސްތު ކުރުމަށް ޓާސްކްފޯހެއް އުފައްދަވަން ނިންމަވައިފި

މަރިޔަމް ޝަހުދާ

އާންމު ހާލަތަށް ރުޖޫއަވުމުގެ އިތުރުން އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު އާރާސްތު ކުރުމަށް ގައުމީ ޓާސްކް ފޯހެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

"ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ނަމުގައި ޓާސްކް ފޯހެއް އެކުލަވާލުމަށް ރައީސް ސޯލިހު ނިންމެވީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ޓާސްކް ފޯހަކީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމާ އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކާއި، އަދި މިދަތިތަކާ ގުޅިގެން އިޖުތިމާއީ ގޮތުން ދިމާވަމުންދާ އަދި ކުރިއަށް އޮތްތަނުގައި އަތުވެދާނެ އެކި މައްސަލަތަކަށް ފާރަވެރިވެ، ހައްލު ހޯދުމަށް އެކުލަވާލާ ޓާސްކް ފޯހެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ޓާސްކް ފޯހުން ގައުމީ ފެންވަރުގައި ކުރާނެ މަސައްކަތްތައް ރާވައި، އެކަންކަން ވިލަރެސްކޮށް ހިންގާނެ ނިޒާމެއް ގާއިމު ކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެގޮތުން މި ޓާސްކްފޯސްގެ މައިގަނޑު މަގުސަދަކީ މިހާރު ދިމާވެފައިވާ ހާލަތުން އިސްތިސާދީ އަވަސް ރިކަވަރީއަކަށް ހާސިލުވުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ރާއްޖޭގެ އިގުތިސާދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުމާއި، ހިޔާލާއި މަޝްވަރާގެ މަތިން ކުރާނެ ކަންކަން ރާވައި ހިންގުން، އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ޓާސްކްފޯސްގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި މި ޓާސްކްފޯސްގެ މަސައްކަތްތައް ކުރިއަށްދާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އެއީ:

  • ވޯކިންގް ގްރޫޕް އޮން ފައިނޭންސް
  • ވޯކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި
  • ވޯކިންގް ގްރޫޕް އިން ސޯޝަލް ސެކްޓާ އެވެ.

މީގެ ތެރެއިން ވޯކިންގް ގްރޫޕް އޮން ފައިނޭންސްގެ މަސައްކަތަކަށް ވާނީ 2020 ވަނަ އަހަރުގެ ބަޖެޓު ރީޕްރައިރަޓައިޒް ކުރުމާ އަދި ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ހަރަދުތައް އަންދާޒާކޮށް އާމްދަނީއަށް އަންނާނެ ބަދަލުތައް ދެނެގަތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ބަޖެޓު ހިންގުމަށް ބޭނުންވާ ފައިސާގެ މިންވަރުތައް ދެނެގަތުމުގެ މަސައްކަތް ކުރާނީ މި ގްރޫޕުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ވޯކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީގެ މައިގަނޑު މަސައްކަތަކީ އިގުތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި އަމިއްލަގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު، މިފަދަ ވިޔަފާރިތަކަށް ރިލީފް ޕެކޭޖުތަކެއް ޑިޒައިންކޮށް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މި ގްރޫޕުން މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ތައާރަފުކޮށް ހިންގުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ވޯކިންގް ގްރޫޕް އިން ސޯޝަލް ސެކްޓާގެ މައިގަނޑު މަސައްކަތަކީ ވަޒީފާ ގެއްލުމާއި، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާ މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވުމެވެ. މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ގެވެށި އަނިޔާއިން ސަލާމަތް ވުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާވިސަސް ގެ ހަރަކާތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެފަރާތްތަކުގެ ތެރެއިން އަނބުރާ ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހައްލުތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްވެސް ކުރާނީ މި ގްރޫޕުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ތިން ވޯކިން ގްރޫޕުގެ މަސައްކަތްތަކަކީ މިހާރުވެސް އެކި ގޮތްގޮތުން ކުރިއަށްގެންދާ މަސައްކަތްތައްކަން ރައީސް އޮފީހުން ފާހަގަ ކުރެއެވެ. ސަރުކާރުގެ އަމާޒަކީ ގައުމީ ޓާސްކްފޯސްގެ ތެރެއިން މި މަސައްކަތްތަކުގައި ކަމާގުޅޭ އިތުރު ފަރާތްތަކުގެ ބައިވެރިވުން ހިމަނައި، ފުރިހަމަ ގޮތުގައި ވިލަރެސް ކުރެވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.