ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ފިލި ފަސް މީހުންގެ ތެރެއިން ބާކީ ތިބި ދެމީހުން ހޯދައި ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދެމީހުން ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ ފަތިހުއެވެ.
އެ ފެސިލިޓީން ފަސް މީހަކު ފިލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށް ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ. އޭގެ ތެރެއިން ތިން މީހަކު ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮވިޑް 19އާ ގުޅިގެން ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމުމުން ބައެއް މީހުން ދަނީ ކަރަންޓީނަށް ދާން ދެކޮޅު ހަދަމުންނެވެ. ނަމަވެސް ކަރަންޓީނަށް ދާން ދެކޮޅު ހެދުމުން އެމީހުންގެ މައްސަލަ ކޯޓަށް ހުށަހަޅައި، ކޯޓު އަމުރުގެ ދަށުން އެމީހުން ކަރަންޓީނު ކުރެއެވެ.
ދާދި ފަހުން ކަރަންޓީނު ފެސިލިޓީއަކުން ބިދޭސީއަކު ފިލައިގެންދާ ކަމަށް ބުނާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ނަމަވެސް ކަރަންޓީނު ފެސިލިޓީއަކުން ބިދޭސީއަކު ފިލިކަން އެނގިފައިނުވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ވަނީ ބުނެފައެވެ.