އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ތިލްމީޒާ ހުސެއިން އާއި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު، ހިސާން ހުސެއިންގެ ބައްޕާފުޅު، ހިތާދޫ ޝެއިޚް ހުސެއިން ޔޫސުފް އަވަހާރަވެއްޖެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝެއިޚް ހުސެއިން ޔޫސުފް އަވަހާރަވީ، އިންޑިއާގެ ބެންގަލޫރުގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
ޝެއިޚް ހުސެއިން ޔޫސުފް ވަނީ އެކި ފަހަރު މަތީން 29 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ޖަސްޓިސް މިނިސްޓްރީގެ ގާޒީ ކަމާއި، ޖަސްޓިސް ގެ ހާއްސަ ގާޒީ ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަކީލު ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިރެކްޓަރު އޮފް ޖުޑީޝަލް އެފެއާޒް ކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޖުޑީޝަލް އެފެއާޒް އަދި އެގްޒެކެޓިވް ޑިރެކްޓަރު އޮފް ޖުޑީޝަލް އެފެއާޒްކަން ހިމެނެ އެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ހާއްސަ މުޝީރު ކަމާއި ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި އެވެ. ޝެއިޚް ހުސެއިން ޔޫސުފް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވައިފަ އެެވެ.
ޝެއިޚް ހުސެއިން ޔޫސުފަކީ ބ. އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މެދުގައި މަގުބޫލު އަދި އެ އަތޮޅު ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ބޭފުޅެކެވެ. ބ. ހިތާދޫގައި ހިލޭ ސާބަހަށް ކިޔަވައިދޭ ސްކޫލެއްވެސް އަމިއްލަފުޅު ހަރަދުގައި ގިނަ އަހަރުތަކެއް ވާންދެން ހިންގެވި އެވެ.
ޝެއިޚް ހުސެއިން ޔޫސުފު ފާހަގަވަނީ ދީނީ ތައުލީމު ފެތުރުއްވުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެ ގޮތުން ރާއްޖޭން ބޭރަށް ދީނި ތައުލީމު ހޯދަން ކިޔަވަން ދިއުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވި އެވެ. އަމިއްލަފުޅަށް ވެސް އެކަމުގައި ހޭދަކުރެއްވި އެވެ. މާލޭން އަމިއްލަފުޅަށް ބިމެއް ހިއްކަވައި، ތޮއިބާ މަދަރުސާ"ގެ ނަމުގައި އަރަބި ބަހުން ކިޔަވައިދޭ މަދަރުސާއެއް ގާއިމު ކުރެއްވި އެވެ. މި މަދަރުސާއަށް ނަން ދެއްވާފައި ވަނީ ހުސެއިން ޔޫސުފްގެ އެންމެ ދޮށީ ދަރިކަނބަލުން، ތޮއިބާ ހުސެއިން ޔޫސުފްގެ ނަމާއި ގުޅުވައިގެންނެވެ. މިހާރު ތޮއިބާ މިސްކިތް އެހުރީ އެބިމުގައެވެ.
ރާއްޖޭން މީހުން ހައްޖަށް ފޮނުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައި ދުވަސްވަރު އެ މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވި އެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތުގައި ޝެއިޚް ހުސެއިން ޔޫސުފް ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެ ގޮތުން ޑިމޮކްރެސީގެ ހަރަކާތްތައް ރާއްޖޭގައި ފަށައިގަތް ދުވަސްވަރު އެ ހަރަކާތްތައް ކުރިޔަށް ގެންދެވުމުގައި ކުރީ ސަފުގައި މަސައްކަތް ކުރެއްވިއެވެ. އިސްލާހީ ހަރަކާތް ބ. އަތޮޅަށް، ވަކީން ހާއްސަކޮށް ތުޅާދޫ ހިމެނޭ ދާއިރާއަށް ގެންދެވުމުގައިވެސް ހުސެއިން ޔޫސުފް މުހިންމު ދައުރެއް އަދާކުރެއްވި އެވެ.
ޝެއިޚް ހުސެއިން ޔޫސުފް މަތީ ތައުލީމު ހާސިލުކުރެއްވީ، ޔުނިވަސިޓީ އޮފް މަދީނާއިންނެވެ. ދިވެހި ބަހުގެ އިތުރުން، އަރަބި ބަހާއި ފާރިސީ ބަހާއި އުރުދޫ ބަސް އަދި ހިންދީބަސް ދެނެވަޑައިގަންނަވަ އެވެ. ވަރަށް ރީތިކޮށް އަރަބި ލިޔުއްވަ އެވެ.
ޝެއިޚް ހުސެއިން ޔޫސުފް އަވަހާރަވީ އިރު ދުނިޔޭގައި އަނބިކަނބަލަކާއި ހަތް ބޭފުޅުންނާއި 16 ކާފަ ބޭފުޅުންނާއި 4 މުނިކާފަ ބޭފުޅުން އެބަތިއްބެވި އެވެ. މީގެ އިތުރުން އުފަން ދަރީންގޮތަށް ގެންގުޅުއްވައި ބޮޑުކުރެއްވި ދެ ދޮންދަރީންވެސް އެބަ ތިއްބެވި އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 78 އެވެ.