ޚަބަރު

ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ގެންދިއުމަށް ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް

އަލީ ޔާމިން

ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ގެންދިއުމަށް ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް މިމަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން ގައުމަށް ގެންދިއުމަށް މިމަހުގެ 10 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖެ ލޮކްޑައުންކޮށް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުތައް ވަނީ ހުއްޓާލައިފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ވަނީ އަނބުރާ ގައުމަށް ދެވޭނެ ގޮތެއް ނެތިފައެވެ. ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަނބުރާ ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތަކެއް މިމަހުން ފެށިގެން އަންނަނީ ބާއްވަމުންނެވެ.

މި ފްލައިޓުން ފުރަން ބޭނުންވާ ފަތުރުވެރިންނާއި ބިދޭސީން އަމަލުކުރަންވީ ގޮތް ޓޫރިޒަމް މިިނިސްޓްރީން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާނެ ކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި ފޮރިން މިނިސްޓްރީ، ފުލުހުން އަދި ޓުއަރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު އެއާޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް މިނިސްޓްރީގެ މި ބަޔާނުގައި އެދިފައިވެއެވެ.