ޚަބަރު

ކޮވިޑަށް ޓެސްޓުކުރުމަށް ބޭނުންކުރާ ބައެއް ރީއެޖެންޓްސް ރާއްޖެއަށް ލިބޭނެ އިންތިޒާމް އިންޑިއާއިން ހަމަޖައްސައިފި

އިންޑިއާއިން އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ ކޮވިޑް 19ގެ ޓެސްޓިންއަށް ބޭނުންކުރާ ބައެއް ރީއެޖެންޓްސް ރާއްޖެއަށް ލިބޭނެ އިންތިޒާމް އެގައުމުން ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަސައްކަތުން ރާއްޖެއަށް މިވަގުތު ބޭނުންވެ، އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިން އޯޑަރު ދީފައިވާ ޓެސްޓް ކިޓްތަކާއި ރީއެޖެންޓްސް އަދި ވައިރަލް ޓްރާންސްޕޯޓް މީޑިއަމްތައް ރާއްޖެއަށް އެތެރެކުރުމަށް އިންޑިއާއިން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.

އެ ތަކެތި ރާއްޖެއަށް ގެނައުމުގެ ހުއްދަ ލިބުމާ ގުޅިގެން، ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ކޮވިޑް 19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި މީގެ ކުރިން ވެސް އިންޑިއާއިން އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ ބައެއް ތަކެތި ރާއްޖެއަށް އެތެރެކުރުމަށް އެގައުމުން ލުއިތަކެއް ވަނީ ދީފައެވެ.

އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، މިފަދަ ދަނޑިވަޅުތަކުގައި އިންޑިއާއިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރުގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރަށް ޝުކުރު އަދާކުރައްވައިފައެވެ.