ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ފިލި ފަސް މީހުންގެ ތެރެއިން ތިން މީހަކު ހޯދައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން ފިލާފައިވާ ފަސް މީހުންގެ ތެރެއިން ތިން މީހަކު ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ ފެސިލިޓީން ފިލާފައިވަނީ ދިވެހި ފަސް ފިރިހެނެކެވެ. އެމީހުން ފިލި މައްސަލަ ހުށަހަޅާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮވިޑް 19އާ ގުޅިގެން ކަރަންޓީނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމުމުން ބައެއް މީހުން ދަނީ ކަރަންޓީނަށް ދާން ދެކޮޅު ހަދަމުންނެވެ. ނަމަވެސް ކަރަންޓީނަށް ދާން ދެކޮޅު ހެދުމުން އެމީހުންގެ މައްސަލަ ކޯޓަށް ހުށަހަޅައި، ކޯޓު އަމުރުން އެމީހުން ކަރަންޓީނު ކުރެއެވެ.
ދާދި ފަހުން ކަރަންޓީނު ފެސިލިޓީއަކުން ބިދޭސީއަކު ފިލައިގެން ދާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ނަމަވެސް ކަރަންޓީނު ފެސިލިޓީއަކުން ބިދޭސީއަކު ފިލިކަން އެނގިފައިނުވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު މީގެ ކުރިން ވިދާޅުވީ ކަރަންޓީން ކުރާ އެއްވެސް ފެސިލިޓީއަކުން މީހުންނަށް ފިލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ކަރަންޓީން ފެސިލިޓީތަކުގެ ސެކިއުރިޓީ ފުލުހުންނާއި ސިފައިން ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި އެތަންތަނަކީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުންނަ ތަންތަން ކަމަށް ނުވާތީ އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.