ވިލިމާލޭ ފެރީ ޓާމިނަލުގައި މަސައްކަތްކުރާ މުވައްޒަފަކު ޕޮޒިޓިވްވުމުން ވިލިމާލެ ފެރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ދެ ޓާމިނަލް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ކޮވިޑަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލް މަސައްކަތްކުރާ ދިވެހި މުވައްޒަފަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ ހަފްތާ އިން ފެށިގެން އޭނާއާއެކު ފެރީ ޓާމިނަލުގައި ލޮކްޑައުން ވެގެން ތިބި ހަތް މުވައްޒަފަކު ވަނީ ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސްފައެވެ.
އެމްޓީސީސީން ބުނީ، އެކުންފުނީގެ ފްރަންޓްލައިން މުވައްޒަފު ކޮވިޑް 19 އަށް ޕޮޒިޓިވްވުމުން ވިލިމާލެ ފެރީ އޮޕަރޭޝަންގައި ބޭނުންކުރާ ދެ ޓާމިނަލާއި ފެރީތައް ވެސް ޑިސްއިންފެކްޓުކޮށް ސެނިޓައިޒް ކޮށްފައިވާ ކަމަށެވެ.
އަމާޒަކީ ކަރަންޓީނަށް ގެންދިޔަ މުވައްޒަފުންގެ ބަދަލުގައި އިތުރު މުވައްޒަފުން ފްރަންޓްލައިނަށް ނެރެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާއެކު މިރޭ ޓާމިނަލްގެ އޮޕަރޭޝަންތައް އަލުން ފެށުން ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މިއަދު އެކަނިވެސް ރާއްޖެއިން 45 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގައި ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 618 އަށް އަރައިފައެވެ.