ޝަހީދާ އަބްދުﷲ ސައީދު
އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިހާ ދުވަހު އެއްވެސް ފަރާތަކަށް ނާޖާއިޒު ފައިދާ ނުހޯދޭނެ ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މަގާމުގައި ހުންނެވިހާ ދުވަހަކު އެއްވެސް ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށެވެ.
އަދި އެމަނިކުފާނާ މުއާމަލާތު ކުރާ މޭރުމަކުން އެފަރާތްތަކާ މުއާމަލާތު ކުރައްވާނެ މީހެއް ކަމަށް ވެސް ޓުވީޓުގައި ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު މިފަދަ އިބާރާތަކުން ޓުވީޓު ކުރައްވާފައި މިވަނީ އެމަނިކުފާނު މަގާމުން ވަގުތުން ދުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޝްޕެސަލް އެންވޯއީ އަބްދުﷲ ޖާބިރު ގޮވާލައްވައި ޓުވީޓު ކުރައްވާފައި ވަނިކޮށެވެ.
މިނިސްޓަރު ފައްޔާޒުއާ މެދު ޖާބިރު ވަނީ ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ޖާބިރުއާ ދިމާއަށް މިނިސްޓަރު ފައްޔާޒު ހުތުރު އެއްޗެހި ކިޔުއްވި ކަމަށް ޖާބިރު ތުހުމަތުކުރެއްވިއެވެ. ނަމަވެސް މިނިސްޓަރު ފައްޔާޒު ވަނީ އެކަން ދޮގުކުރައްވައިފައެވެ.
މިކަމާ ގުޅޭ ގޮތުން "ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި އިންނަވަނިކޮށް ރޭ ބޭފުޅަކު ދެފަހަރަކު ގުޅުއްވި ކަމަށާއި ފަހުން އެއީ ޖާބިރު ކަމަށް ވިދާޅުވެ މެސެޖްކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ރޭ ޖަލްސާއިން ނިމިވަޑައިގެން މާ ލަސްވެފައި ހުރުމުން އެ ނަންބަރަށް ނުގުޅުއްވުނު ކަމަށެވެ.
"އެއީ އަޅުގަނޑު ސޭވް ކޮށްފަ އޮންނަ ނަންބަރެއް ނޫން. އެނަންބަރުން މިއަދު ހެނދުނު އަނެއްކާވެސް ގުޅާފަ ވަރަށް ހަޑި ހުތުރުކޮށް އަވަގުރާނަ ގޮވި. ވިދާޅުވީ ޖާބިރު ކިޔާ ބޭފުޅެކޭ. ހަމަ ގުޅި ގޮތަށް ފެށީ އެބަހުރުވައިން. އަޅުގަނޑު ޖަވާބު ދިނީ އެބޭފުޅަކު އެވާހަކަދެއްކެވި މޭރުމުން. އެކަމަކު އެބޭފުޅެއްގެ މަންމައެއްގެ ނަމެއް ނުގަންނަން. އެކަމަކު އަޅުގަނޑަކީ އެހާ އަބުއި މީހެއް ނޫން. އަދި ޖާބިރު ތިފަދަ ގޮތަކަށް ޓުވީޓު ކުރެއްވުމަކީ އަޅުގަނޑަށް މައްސަލައެއްވެސް ނޫން." ފައްޔާޒް ވިދާޅުވި އެވެ.