ޚަބަރު

ޔޫކްރޭނުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ އަައުމަށް ދަތުރު ފަށައިފި

އަލީ ޔާމިން

ޔޫކްރޭނުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 35 ކުއްޖަކު ރާއްޖެ އައުމަށް ދަތުރު ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެކުދިން ރާއްޖެ އައުމަށް ޔޫކްރޭނުގެ ވެރިކަން ކުރާ ސިޓީ ކިއެވްގެ އެއާޕޯޓަށް މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ. އަދި އެކުދިން ރާއްޖެ އަންނަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ޖައްސާނީ މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 6:00 ޖަހާއިރު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ރާއްޖެ އަންނަ ކުދިންގެ ތެރޭގައި މެޑިކަލް ސްޓޫޑަންޓުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް މެޑިކަލް ސްޓޫޑެންޓުންގެ ސީދާ އަދަދެއް ވިދާޅެއް ނުވެއެވެ.

ކޮވިޑް 19ގެ ސަބަބުން ގައުމުތައް ލޮކްޑައުންކޮށްފައިވާ އިރު، ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ރާއްޖެ ގެނެއުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ އެކިއެކި ގައުމުން ހާހަކަށްވުރެ ދިވެހިން ރާއްޖެ ގެނެސްފައެވެ.

ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން 14 ދުވަހަށް ކަރަންޓީން ކުރާނެއެވެ. އަދި އެމީހުންނަށް މުޖުތަމައުގެ ތެރެއަށް ނުކުމެވޭނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެނަމައެވެ.