ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްފިއެވެ.
ކޮވިޑް 19 އާ ގުޅިގެން ފެމެލީ ކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް އެކުލަވާލައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށައިފައެވެ. އެގޮތުން މިއަދު ހަވީރު އެކޯޓުން ވަނީ ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެންޏެއް ކޮށްދީފައެވެ. އެއީ މީގެ ކުރިން ރޫޅިފައިވާ ކައިވެންޏެއް ރުޖޫއަކޮށް ކުރި ކައިވެންޏެއް ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.
ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިއަދު އެ ކައިވެނި ކުރިއަށްގެންދިޔަ އިރު އިންޓަނެޓުގެ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއމި ކުރި ކައިވެންޏަކީ މީގެ ކުރިން ރޫޅިފައިވާ ކައިވެންޏެއް ރުޖޫއަކޮށް ކުރި ކައިވެންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ކުރެވުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރެވުނު ފުރަތަމަ ކައިވެނި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ޝެޑިއުލްކޮށް ކައިވެނިތައް ކޮށްދިނުމުގެ އިންތިޒާމު އެކޯޓުން ހަމަޖައްސާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ހަދާފައިވާ އުސޫލުގައި ބުނެފައިވާގޮތުގައި، އެފަދަ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖިލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާއެވެ. އެގޮތުން ކައިވެނީގެ މަޖިލިސް ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ވީޑީއޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވާ އޮންލައިން ޕްލެޓްފޯމަށް ލޮގިން ވާން ޖެހޭނެ ކަމަށް އެކޯޓުން ބުނެއެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވާ ގޮތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހެއެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާން ޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި ހާޒިރުވާން ޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ފެމިލީ ކޯޓުން މިގޮތަށް ކައިވެނިކޮށްދިން ކަމުގައި ވިޔަސް، ކައިވެނީގެ މަޖިލިސް ފަށާނީ އާންމު އުސޫލުން ކަމަށާއި އެގޮތުން ކައިވެނީގެ ހުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފިން" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގައި، ކައިވެނިކުރާ މީހުންނަށް ކޯޓުން ދޭނީ ހާއްސަ ނަމްބަރެއް ޖަހާފައިވާ ވަގުތީ ލިޔުމެކެވެ. އެ ލިޔުން ފޮނުވާނީ މެއިލް ނުވަތަ ސޯޝަލް މީޑިއާ ވަސީލަތެއް މެދުވެރިކޮށް ކަމަށް އެކޯޓުން ވަނީ ބުނެފައެވެ.