ޝަހީދާ އަބްދުﷲ ސައީދު
އަންނަ އަހަރު އއ. ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.
އެމަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރައްވާނެ ކަމަށާއި، އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބަޔަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
''އަދިވެސް އެތައް ރަށެއް އެބަހުރި އިންސާނީ ހައްގުތަކުން މަހުރޫމުވެފައި. އެއީ އަޅުގަނޑު ވަރަށް ކަންބޮޑުވާކަމެއް. އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވާނީ މިސަރުކާރުން އެއްވެސް ރަށެއް އެއްވެސް ރައްޔިތެއް ބާކީ ނުކުރާނެކަން. ކޮންމެ ރައްޔިތަކީވެސް ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ބައެއް.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ފެރިދޫ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން ތިމާވެށި ހިމާޔަތް ކުރުމުގެ ސިޔާސަތުގެ ދަށުން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މާގިނަ ދުވަހެއް ނުވެ ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި ސަރުކާރުން ފެރިދޫ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ދިނުމުގައި އިހުމާލު ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ތަރައްޤީއަކީ އިމާރާތްތަކަށް ހަމައެކަނި އަންނަ އެއްޗެއް ނޫން ކަމަށާއި ތަރައްޤީއަކީ އުފާވެރި ދިރުއުޅުމެއްގެ ހުރިހާ ވަސީލަތްތަކެއްގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެފައި އޮތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ފެރިދޫއަށް އެމަނިކުފާނު ވަޑައިގަތުމުން ފެރިދޫއިން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ފެރިދޫގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ އއ. އުކުޅަހަށް ވެސް ވަޑައިގެންފައެވެ.