އަލީ ޔާމިން
ކޮވިޑަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފަކު ހިމެނިއްޖެއެވެ.
އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއަދު ޕޮޒިޓިވްވި އެކުންފުނީގެ މުވައްޒަފަކީ ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފެއް ކަމަށެވެ.
އާޒިމް ވިދާޅުވީ، އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދު މެންދުރެއްހާއިރު ކަމަށާއި ބައްޔަށް ޕޮޒިޓިވްވީ، ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދިއުމުން ކޮވިޑަށް ޓެސްޓުކުރުމުން ކަމަށެވެ. އަދި އެ މުވައްޒަފުގެ އިތުރުން އެ މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓުވެފައިވާ ހުރިހާ މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް މިއަދު ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ޑިސްއިންފެކްޓްކޮށް ނިމުމުން ޓާމިނަލްގެ ހިދުމަތްތައް ކުރިއެކޭވެސް އެއްފަދައިން ދޭން ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ފްރޮންޓްލައިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އުސޫލަކަށް އަމަލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި އެމްޓީސީސީން ފޯރުކޮށްދޭ އާންމު ފެރީ، ސްޕީޑް ފެރީ، މެޓްރޯ ބަސް އަދި ޕްރައިވެޓް ހަޔާ ހިދުމަތުގައި މަސައްކަތްކުރާ ޕްރަންޓްލައިން މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 618 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 20 މީހަކު ރަނގަޅުވެފައިވާ އިރު، ދެ މީހަކު ވަނީ މަރުވެފައެވެ. މިއަދު އެކަނިވެސް 45 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.