ޚަބަރު

މުޖުތަމައުގެ ތެރޭގައި ބަލި އުޅޭތޯ ބެލުމަށް އެންމެ ރަނގަޅީ ސީރޮލޮޖީ ޓެސްޓު ހެދުން: ޑރ. ފައިސަލް

އަލީ ޔާމިން

މުޖުތަމައުގެ ތެރޭގައި ބަލި އުޅޭ މިންވަރު ދެނެގަތުމަށް ސީރޮލޮޖީ ޓެސްޓު ނުވަތަ އެންޓި ބޮޑީ ޓެސްޓުގެ ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސީރޮލޮޖީ ޓެސްޓުތަކުގެ ނަތީޖާ އަދި އެހާ ފުރިހަމަ ނުވާތީ އޭގެ ނަތީޖާ ވަކި މީހަކަށް ބަލި ޖެހިފައި ހުރިތޯ ބެލުމަށް ބޭނުންކުރުމަށް ވުރެ ބުއްދިވެރިގޮތަކީ މުޖުތަމައުގައި ބަލި އުޅޭ މިންވަރު ދެނެގަންނަން ބޭނުންކުރާ ޓެސްޓަކަށް ހެދުން ކަމަށެވެ.

މިކަމާ ގުޅިގެން "ވަން"އަށް މައުލޫމާތުދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑް ޖެހިފައި ހުރިތޯ ބެލުމަށް އާންމުގޮތެއްގައި ތިން ވައްތަރެއްގެ ޓެސްޓެއް ހަދާ ކަމަށާއި އެގޮތުން އެންމެ ގިނައިން ހަދަނީ ޕީސީއާރު އަދި ސީރޮލޮޖީ ޓެސްޓު ކަމަށެވެ. ޕީސީއާރު ޓެސްޓަކީ ހަށިގަނޑުގައި ވައިރަސް ހުރިތޯ ބެލުމަށް ހަދާ ޓެސްޓެއް ކަމަށާއި ނަމަވެސް ސީރޮލޮޖީ ޓެސްޓަކީ ހަށިގަނޑަށް ވައިރަސް ވާސިލުވުމަށްފަހު ދެން ވާ ގޮތްތައް ދެނެގަތުމަށް ހަދާ ޓެސްޓެއް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

"ސީރޮލޮޖީ ޓެސްޓުން އަޅުގަނޑުމެންނަށް ދެނެގަނެވޭނެ ކުރިން ބަލި ޖެހިފައި ހުރި މީހެއް ވިޔަސް. އެހެންކަމުން އެއީ މުޖުތަމައު ބަލިން ރައްކާތެރިކުރުމަށް ހެދުން މުހިންމު ޓެސްޓެއް،" ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ، ބަލި ޖެހޭ ދުވަހު ސީރޮލޮޖީ ޓެސްޓު ހެދުމުން އެ ޓެސްޓުން ބަލި ޖެހިފައިވާކަން ދެނެނުގަނެވޭނެ ކަމަށާއި ބަލި ޖެހިފައިވާކަން ދެނެގަނެވޭނީ ހަފްތާއެއް ވަރު ފަހުން ކަމަށެވެ.

ސީރޮލޮޖީ ޓެސްޓުން މުޖުތަމައުގެ ކިތައް މީހުންނަށް ބަލި ޖެހިފައި ރަނގަޅުވެފައިވޭތޯވެސް ބެލޭނެ ކަމަށާއި އެހެންކަމުން މުޖުތަމައުގައި ބަލި އުޅޭތޯ ދެނެގަތުމަށް ސީރޮލޮޖީ ޓެސްޓު ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. މުޖުތަމައުގެ ތެރޭގައި ބަލި އުޅޭތޯ ބެލުމަށް މިހާރު ރާއްޖޭގައި ހަދަނީ ޕީސީއާރު ޓެސްޓެވެ.