ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އަންނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވުމާއި ގުޅިގެން، އެ އާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ އިހުލާސްތެރި ތައުޒިޔާ މަރުހޫމާގެ އާއިލާއަށް ދަންނަވާ ކަމަށާއި އެމަރްހޫމާއަށް، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް މާތްﷲގެ ހަޟްރަތުގައި ދުއާ ކުރައްވާ ކަމަށެވެ.
އަންނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނުއެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 85 އަހަރެވެ.
ރައީސް އަމީންގެ ދަރިކަނބަލުން އަމީނާ އަކީ މަރްހޫމް ހުސެއިން ސަލާހުއްދީންގެ ދަރިކަނބަލުން ފާތިމަތުގެ ސައީދުގެ ފަރާތްޕުޅުން ރައީސް އަމީނަށް ލިބިވަޑައިގެން ތިން ބޭފުޅުންގެ ތެރެއިން މިހާތަނަށް ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅާއެވެ.
1985 އިން 1989 އަކާއި ދެމެދު އަމީނާ ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. މިއީ ރާއްޖޭގެ ރައީސެއްގެ ބޭފުޅަކު ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރެއްވި ފުރަތަމަ ފަހަރެވެ.
އަމީނާ އަވަހާރަވި އިރު ދުނިޔޭގައި އެކަމަނާގެ ފިރިކަލުން އަދި ހަތަރު ބޭފުޅުން އެބަތިއްބެވިއެވެ. އެ ހަތަރު ބޭފުޅުންނަކީ އިބްރާހީމް ފައިސަލް އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި މިހާރު އިނގެރޭސި ވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލްގެ އިތުރުން ޝުވޭކާރް ހަމީދު އެވެ. އަމީނާގެ 14 މާމަ ބޭފުޅުން އެބަތިއްބެވި އެވެ. އެއީ އިބްރާހީމް ފައިސަލްގެ 4 ބޭފުޅުންނާއި އަމީން ފައިސަލްގެ 6 ބޭފުޅުންނާއި ފަރަހަނާޒް ފައިސަލްގެ އެއް ބޭފުޅެއް އަދި ޝުވޭކާރް ހަމީދުގެ ތިން ބޭފުޅުންނެވެ.
އަމީނާ ވަނީ "ޖިންސުއްލަތީފުންގެ ރޫހު" ގެ ނަމުގައި ޖަމިއްޔާއެއް ހައްދަވައިގެން ރާއްޖޭގެ އަންހެނުން ތަރައްގީކޮށް ކުރިއެރުވުމަށް ވެސް މަސައްކަތްތަކެއް ކުރައްވައިފައެވެ. މި ޖަމިއްޔާގެ ފަރާތުން މަޖައްލާއެއްވެސް ނެރުއްވި އެވެ. ކުރީގެ ރައީސް، ރައީސް އިބްރާހީމް ނާސިރުގެ އަރިހުގައި ވެސް މަސައްކަތްކުރެއްވި އެވެ.
އަންނަބީލާ އަމީނާ މުހައްމަދު އަމީން ވަނީ 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވެއެވެ. ސަރުކާރުގެ ހިދުމަތް ފުރަތަމަ ފަށްޓަވާފައިވަނީ 23 ޖުލައި 1955ގައި މަދްރަސަތުލް ސަނިއްޔާގެ ނާޒިރުގެ ނާއިބު ކަމުގެ މަގާމުންނެވެ. 17 ޑިސެންބަރު 1957 ގައި އެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު ދެން ޚިދުމަތް ފެށްޓެވީ 21 މެއި 1961 ގައި ވުޒާރަތުއް ޞިއްޙާގެ ސެކްރެޓެރީ ކަމުގެ މަގާމުންނެވެ.
އޭގެފަހުން، ވަޒީރުލްއަޢުޒަމްގެ އޮފީހުގެ ސެކްރެޓެރީކަމާއި، ވަޒީރުލްއަޢުޒަމްގެ ސެކްރެޓެރީކަން ކުރައްވާފައިވެއެވެ. 16 ޖަނަވަރީ 1968ގައި ވަކިވެވަޑައިގަތުމަށްފަހު، އަލުން ސަރުކާރަށް ހިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ ރައީސް މައުމޫނުގެ ދައުރުގައި 10 ފެބުރުވަރީ 1980 ގައެވެ. އޭރު ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމަށެވެ. އެ މަގާމުގައި 8 އަހަރު ދުވަހު ހިދުމަތް ކުރެއްވިއެވެ.
އަދި އޭގެފަހުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސާވިސަސްގެ ޑިރެކްޓާ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއާގެ ޑިރެކްޓަ އޮފް ސޯޝަލް ސާވިސަސް ކަމުގެ މަގާމު ފުރުއްވާފައިވެއެވެ. ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ 1 މާރިޗު 1992 ގައެވެ.
އަންނަބީލާ އަމީނާ މުހައްމަދު އަމީނަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.