މޯލްޑިވްސް ކަސްޓަމްސް ސާވިސް

ފަސް މިލިއަނާ ކައިރިކުރާ އަދަދަކަށް ރާއްޖެއަށް ފޭސް މާސްކް އެތެރެކޮށްފި

ކޮވިޑާއި ގުޅިގެން، ފަސް މިލިއަނާ ކައިރިކުރާ އަދަދަކަށް ރާއްޖެއަށް ފޭސް މާސްކް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ގިނަ ބާވަތްތަކެއްގެ މުދާ އެތެރެ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ވަކިން ހާއްސަކޮށް ކޮވިޑް 19 އާއި ގުޅިގެން ބޭނުންވާ އާލާތްތަކުގެ ތެރެއިން ގިނަ އަދައްގެ ފޭސް މާސްކު، ޑިސްއިންފެކްޓްކުރާ ސާމާނު އަދި އަތް ދޮންނަ ސާމާނު ރާއްޖެއަށް އެތެރެ ކޮށްފައިވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4.7 މިލިއަން ފޭސް މާސްކު އެތެރެ ކޮށްފައިވާ ކަމަށެވެ. އަދި 240 މެޓްރިކް ޓަނުގެ ޑިސްއިންފެކް ކުރާ ސާމާނާއި އޭގެ ބާވަތްތަކުގެ އިތުރުން 59 ޓަނުގެ އަތް ދޮންނަ ސާމާނާއި އޭގެ ބާވަތްތައް ރާއްޖެ އެތެރެ ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް 19 އާއިގުޅިގެން ހައިޖީން ޕްރޮޑަކްސް އަދި ޑިސްއިންފެކްޓާ އާއި ސެނެޓައިޒާ ފަދަ ތަކެތީގެ ޑިމާންޑު ވަނީ ބޮޑުވެފައެވެ.