މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 12 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކަސްޓަމްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ އިމްޕޯޓަށާއި އެކްސްޕޯޓަށް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 12 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިމްޕޯޓް އިތުރުވި ނަމަވެސް ރާއްޖެއަށް އެތެރެކުރާ މުދާ ދަށްވެފައިވާ ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އިމްޕޯޓް ޑިއުޓީ ފާއިތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. ނަމަވެސް ބައެއް ބާވަތްތައް އިމްޕޯޓްކުރާ މިންވަރު އިތުރު ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން މިހާރުގެ ހާލަތުގައި އެންމެ ބޮޑަށް ބޭނުންވާ މުދަލަކީ ކާޑުގެ ބާވަތްތައް ކަމުން ކާޑުގެ ބާވަތްތަކުގެ އިމްޕޯޓް 45 ޕަސެންޓަށް އިތުރުވެ ޕެޓްރޯލާއި ޑީސަލް އިމްޕޯޓުކުރި މިންވަރު ހަ ޕަސެންޓް އިތުރުވެފައިވާކަން އޭނާ ވިދާޅުވިއެވެ.