ޚަބަރު

ހިއުމަން ރައިޓްސްއަށް ފޮނޮވި ތިން ސިޓީއަށް ޖަވާބު ދީފައި ނުވާތީ ޕީއެންސީން އަނެއްކާވެސް ސިޓީއެއް ފޮނުވައިފި

އައިދާ އަބްދުލް ހަކީމް

ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސްއަށް ފޮނޮވި ތިން ސިޓީއަށް ވެސް ޖަވާބު ދީފައި ނުވާތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަނެއްކާވެސް ސިޓީއެއް ފޮނުވައިފި އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާ އާމިނަތު އީނާސް އަށް ފޮނޮވި ސިޓީގައި ބުނީ މީގެ ކުރިން އެކޯލިޝަނުން ފޮނުވި ތިން ސިޓީގެ ޖަވާބުވެސް ލިބިފައި ނުވާތީ އެތިން ސިޓީގެ ޖަވާބު އަވަސްކޮށްދެއްވުމަށް އެދޭކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަން ބުނީ ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ހަމައެކަނި ލީޑަރު އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް ބަންދުކޮށްފައި ވަނީ ގާނޫނީ ގޮތުން ލިބިވަޑައިގެންފައިވާ ގާނޫނީ އެއްވެސް ހައްގެއް ނުލިބި ކަމަށާއި، އެމަނިކުފާނު ހުންނެވީ އަޝްވާއީ (އާރބިޓްރަރީ) ކޮށް ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަފާލާތުގެ ފުރުސަތު ދެއްވާފައި ނުވާއިރު، އެމަނިކުފާނުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ވެސް ކުރިއަށް ނުގޮސް މަހެއް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅަށް ރިޔާއަތްކޮށް ރަމަޟާން މަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ހިއުމަން ރައިޓްސް އިން ބާރުއަޅައި ދިނުމަށް އެދުނު އެދުން ތަކުރާރު ކުރާކަމަށް އެކޯލިޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިމައްސަލަ އަވަހަށް ބަލައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ބާރު އަޅައިދިނުމަށް އެކޯލިޝަނުން ވަނީ އަނެއްކާވެސް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސްގައި އެދިފައެވެ.