ކޮވިޑް 19 އާއި ގުޅިގެން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ އިރު، "ނިއު ނޯމަލް" ގައި، އިޖުތިމާއީ ގައިދުރު ކަމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް ފެށުމަށް ތައްޔާރުވާން ފަށައިފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް އާއި އިންޓަނޭޝަނަލް ޓާމިނަލުގައިވެސް މި ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށްޓަކައި ދުރު ދުރުގައި މީހުނަށް ތިބެވޭނެ ގޮތަށް އެއާޕޯޓުގެ ތަޅުމުގައި ފާހަގަ ޖަހާފައިވާ ފޮޓޯތަކެއް އެމްއޭސީއެލުން ވަނީ ޓުވީޓުކޮށްފައެވެ. މި ފޮޓޯތަކަކީ ހަމައެކަނި ޑޮމެސްޓިކް ޓާމިނަލްގައި ވަމުން އަންނަ ތައްޔާރީތަކުގެ ފޮޓޯތަކެއް ނަމަވެސް، ހަމަ މިފަދައިން އިންޓަނޭޝަނަލް ޓާމިނަލްގައި ވެސް ތައްޔާރީތައް ވަމުން އަންނަ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މީގެ ކުރިން އަމަލު ކުރަމުން އައި ގޮތަށް އެއާޕޯޓުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ތާމަލް ކެމެރާ ބޭނުން ކުރާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް މުޅި އެއާޕޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން އެއާޕޯޓުގެ މުވައްޒަފުން މަސައްކަތުގައި އުޅޭނީ އަންގި ލައްވައިގެން، މާސްކު އަޅައިގެން ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި އެކަށީގެންވާ ޕީޕީއީވެސް ބޭނުން ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި ސަރުކާރުން އަންގާ އެންގުންތަކާއި އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރެއްވުމަށް ހަސަން އިލްތިމާސް ކުރެއްވިއެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއިން އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައިވަނީ މާޗް 27ގައެވެ. އޭގެ ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ އިތުރުން މާލެ ލޮކްޑައުން ކުރުމާއެކު ޑޮމެސްޓިކް ދަތުރުތައް ކުރުންވެސް ވަނީ ހުއްޓާލާފައެވެ.
"ނިއު ނޯމަލް" އަކީ ދިރިއުޅުމުގެ ކަންކަން އާ ގޮތްތަކަކަށް ބަދަލުކޮށްގެން އާންމު ދިރިއުޅުމަށް ރުޖޫއަ ވުމަށް ކިޔާ ނަމެކެވެ.