ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އުކުޅަހު ކައުންސިލުގެ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުކުޅަހު ކައުންސިލުގެ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ އެމަނިކުފާނު މިއަދު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައެވެ.

މިއަދު މެންދުރު ކުރީގެ ވަގުތެއްގައި އުކުޅަހަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އުކުޅަހުގެ ރައްޔިތުންނާ ރަށު ކައުންސިލާއި އަދި ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފައެވެ.

މިވެބްސައިޓުން ރަށުގެ މައުލޫމާތާއި އަދި އެހެނިހެން މައުލޫމާތު ލިބެން ހުންނާނެ ކަމަށް ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވިއެވެ.

ރައީސް ސޯލިހު އުކުޅަހަށް ކުރެއްވި މިދަތުރުފުޅުގައި އަންނަ އަހަރު އުކުޅަހުގެ ބިން ހިއްކުމާއި ނަރުދަމާ ނިޒާމު ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހު އުކުޅަހަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އަދި މިއަދު އެމަނިކުފާނު ވަނީ އއ. ފެރިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.