އަލީ ޔާމިން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށްވެސް ޑިއުޓީއަށް ދެވޭނީ ފުލުހުންގެ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، އެއާޕޯޓުގައި މަސައްކަތް ކުރާ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިއަދުން ފެށިގެން ޑިއުޓީއަށް ދެވޭނީ ފުލުހުންގެ ޕޯޓަލްގައި ރަޖިސްޓްރީވެ، ހުއްދަ ލިބިގެން ކަމަށެވެ.
މިކަން އެމްއޭސީއެލުންވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މެސެޖުން އަންގާފައެވެ. އެ މެސެޖުގައި ވަނީ އެއާޕޯޓުގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުން ޑިއުޓީއަށް ދިއުމަށް ފުލުހުންގެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ފުލުހުން އިލްތިމާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ބަހުގައި ދަތުރުކުރިޔަސް ރަޖިސްޓްރީވާން ޖެހޭކަމުގައި ބުނެފައިވެއެވެ.
މާލެ ލޮކްޑައުންކުރުމާ ގުޅިގެން، ފުލުހުން ވަނީ ޒަރޫރީ ބޭނުންތަކުގައި ތަންތަނަށް ދާން ޖެހޭ މީހުންނަށް ހުއްދަ ދިނުމަށް ޕޯޓަލެއް ހުޅުވާލައިފައެވެ. އަދި ޑެލިވަރީއާއި، ފިހާރަތަކަކަށްވެސް ވަނީ ހާއްސަ ހުއްދައެއް ދޫކޮށްފައެވެ.