ޝަހީދާ އަބްދުﷲ ސައީދު
އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކޮށް ނުދެވޭނަމަ، މިސަރުކާރު ދެމިއޮތުމުގެ ބޭނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި އއ.އުކުޅަހުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންސާނީ އަސާސީ ހައްޤުތައް ކަށަވަރުކޮށްނުދެވޭނަމަ، ސަރުކާރު ދެމިއޮތުމުގެ އެއްވެސް ބޭނުމެއްނެތް ކަމަށެވެ.
ރައިސް ވިދާޅުވީ އެމަނިކުފާނާއި ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާތަކާއި ވާޖިބުތަކުގެ މަތިން އަބަދުވެސް ހަނދުމަފުޅު ހުންނަ ކަމަށެވެ. އަދި މިސަރުކާރަކީ ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާނެ ސަރުކާރެއް ނޫން ކަމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުކޮށައިދެނީ އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދެވިގެން ކަމަށެވެ.
''އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކޮށް ނުދެވޭނަމަ ސަރުކާރު އޮތުމުގެ ބޭނުމެއް ނެތް. އަޅުގަނޑު ހިތުން ނުވެސް އޮންނާނެ. ދެމެހެއްޓެނިވި ތަރައްގީގެ މަގު ކޮށައިދެނީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދެވިގެން. އަބުރުވެރި ދިރިއުޅުމަކަށް މިހާ ގެންގޮސްދެނީ އިންސާނީ ކަރާމާތްތެރިކަމާއި ހައްގުތައް ހިމާޔަތްކޮށްދެވިގެން،'' ރައީސް ސޯލިހު ވިދާޅުވިއެވެ.
އަދި ކަރާމާތްތެރި، އަބުރުވެރި ދިރިއުޅުމަކަށް މީހާ ގެންގޮސްދެނީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަކު އަނެކެއްގެ ހައްޤުތަކަށް އަރައިނުގަތުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އަބުރުވެރި ޠާހިރު ދިރުއުޅުމަކަށް ހުރަސްއަޅާނަމަ، އެ ހައްޤު ހޯދުމަށް ރައްޔިތުން ތެދުވަންޖެހޭ ކަމަށާއި، ރައްޔިތުންގެ ހައްގަކަށް އަރައިގެންފިނަމަ، އެހައްގުގެ ދިފާއުގައި ވާކާލާތު ކުރަންޖެހޭނެ ކަމަށެވެ.
ރައީސް ސޯލިހު އުކުޅަހަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އަދި މިއަދު އެމަނިކުފާނު ވަނީ އއ. ފެރިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.