ޚަބަރު

ގޭގައި ތިބެގެން ޅެން ހަދަން ދަސްކުރުމުގެ ފުރުސަތެއް

އައިދާ އަބްދުލް ހަކީމް

ޅެން ހަދަން ދަސްކޮށްދިނުމަށް އޮންލައިންކޮށް ބާއްވާ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ބަހުގެ އެކެޑެމީން ހުޅުވާލައިފިއެވެ.

ދިވެހި ބަހުގެ އެކެޑެމީން ކުރި އިއުލާނެއްގައި ބުނީ މި ކޯހު ޖާގަ ދޭން ނިންމާފައިވަނީ 25 މީހަކަށް ކަމަށެވެ. ކޯހަށް ފީއެއް ނުނަގާނެ ކަމަށާއި 15 މެއި އިން ފެށިގެން ކުރިއަށް ގެންދާ މި ކޯހުގެ މުއްދަތަކީ 20 ގަޑިއިރު ކަމަށެވެ.

ލޮކްޑައުންގެ ދުވަސްވަރު ގޭގައި ތިބެގެން ޅެންހަދަން ދަސްކުރުމަށް ޝައުގުވެރިވާ މީހުންނަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ހުރިހާ އުމުރުފުރައަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ބަހުގެ އެކެޑެމީން ބުނެއެވެ.

އެކެޑެމީން ބުނީ މި ކޯހަކީ އޮންލައިންކޮށް ހިންގަން ނިންމާފައިވާ ކޯހަކަށް ވުމުން ކޯހުގައި ބައިވެރިވާން ވާނީ އެ ފަދަ ވަސީލަތެއް މެދުވެރިކޮށް އުނގެނުމުގެ ފަހިކަން ހުރި ފަރާތްތަކުން ކަމަށެވެ.

މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ފޮޓޯއެއް، މި މަހުގެ 10 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން އެކެޑަމީގެ ނަންބަރު 7986230 އަށް ވައިބާ ކުރުމަށް ވަނީ އެދިފައެވެ.