ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އުކުޅަހު ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

އއ. އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އުކުޅަހަކީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެއް ކަމަށާއި، އެރަށުން ގޯތި ދޫނުކުރާތާ މިހާރު 21 އަހަރު ވެއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ އުކުޅަހުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް މިސަރުކާރުން ހައްލު ހޯދައިދެއްވާނެ ކަމަށާއި އެގޮތުން އަންނަ އަހަރުގެ ތެރޭގައި އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އުކުޅަހުގައި އަމިއްލަ ދިރިއުޅުމެއް ފެށި އަމިއްލަ ބޯހިޔާވަހިކަން ނެތި އެތަށް ދެމަފިރިންނެއް ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެރަށުގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ.

އަދި އުކުޅަހުގައި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''އުކުޅަހު ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިންފުރި ގޯތި ދެވޭނެ ގޮތެއް ނެތުން. މިރަށުގައި އަމިއްލަ ދިރިއުޅުމެއް ފެށި އަމިއްލަ ބޯހިޔާވަހިކަން ނެތި އެތައް ދެމަފިރިންނެއް އެބަތިބި. 21 އަހަރު ވެއްޖެ އުކުޅަހުން ގޯތި ދޫނުކުރާތާ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ. އެކަމަށް ބަޖެޓުގައި ވަނީ ފައިސާ ހިމަނާފައި. އަދި ފެނާއި ނަރުދަމާގެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ވެސް އަންނަ އަހަރުގެ ބަޖެޓްގައި ވާނީ ހިމަނާފައި.'' ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ރައީސް ސޯލިހު އުކުޅަހަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އެރަށު ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވައި، އުކުޅަހު ކައުންސިލްގެ ވެބްސައިޓް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.