ޚަބަރު

ސައުދީން ހަދިޔާކުރި ކަދުރު 12000 އަށްވުރެ ގިނަ މީހުންނަށް ހަވާލުކުރެވިއްޖެ: މިނިސްޓްރީ

ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން މިހާތަނަށް 12000 އަށްވުރެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް މިއަހަރު ވެސް ހަދިޔާކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ. އެއީ ދެ ކިލޯ ގުރާމްގެ 25000 ކަދުރު ޕެކެޓެވެ.

ސައުދީން ހަދިޔާކުރި ކަދުރާ ގުޅޭގޮތުން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސައުދީން ހަދިޔާކުރި ކަދުރުތަކުގެ ތެރެއިން 500 ކަދުރު ޕެކެޓް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ބެއްލެވުމުގެ ދަށުން ބެހުމަށް އަދި ބާކީ 24500 ޕެކެޓް ކަދަރު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ބެހުމަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ ނިޔަލަށް ސައުދީން ހަދިޔާކުރި ކަދުރުގެ ތެރެއިން 12124 ޕެކެޓް ކަދުރު ރައްޔިތުންނަށް ބަހާފައިވާއިރު 1483 ފަގީރުންގެ ގޭބިސީތަކަށް ކަދުރު ހަދިޔާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަތޮޅުތެރެއިން 78 ރަށަކަށް 9567 ޕެކެޓް ކަދުރު ފޮނުވިފަައިވާއިރު ކައުންސިލްތަކުން މީހަކު ފޮނުވާފައިނުވާތީ ރާއްޖޭގެ 103 ރަށަށް 8577 ޕެކެޓް ކަދުރު ހަވާލުނުކުރެވި އެބަހުރި ކަމަށާއި އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ކަދުރު ބެހުމަށް 15 އޭޕްރިލްގައި 1881 ޕެކެޓް ކަދުރު ހަވާލުކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން ކޮވިޑް 19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިދަނޑިވަޅުގައި އާންމު ރައްޔިތުން އެއްތަނަކަށް އެއްވެ އުޅުމަކީ މި ބަލި ފެތުރުމަށް ދިމާވެދާނެ އިތުރު ސަބަބަކަށްވުމާއެކު މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނެ ރައްކާތެރި ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ބުނީ، ޖުމްލަ 12376 ކަދުރު ޕެކެޓް ރައްޔިތުންނަށް ނުބެހި މިވަގުތު މިނިސްޓްރީގައި އެބަހުރި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އެކުލަވާލި ކަދުރު ބަހާނެ އުސޫލުގެ ދަށުން ކަދަރު ބަހާނީ މާލެ އާއި އައްޑޫ އާއި ފުވައްމުލަކު އާއި ކުޅުދުއްފުށި އަދި އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ.

އޭގެ އިތުރުން މިދިޔަ އަހަރު އެ މިނިސްޓްރީގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ޖުމްލަ 2350 ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދިނުމަށާއި އެގޮތުން ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ކަމަށް އުސޫލުގައިވެއެވެ.

ނަމަވެސް މިދިޔަ އަހަރު ރާއްޖޭގައި ޖުމްލަ 63102 ގޭބިސީ ހުރި ކަމަށް މިނިސްޓްރީއަށް ކައުންސިލްތަކުން ފޮނުވާފައިވާ ތަފާސް ހިސާބުތަކުން ދައްކާތީ، ސައުދީން ހަވާލުކުރި ކަދުރަކީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދެވޭ ވަރަށްވުރެ މަދު އަދަދަކަށްވުމާއެކު އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް 33 ޕެކެޓް ކަދުރު ދިނުމަށް ނިންމައިފައެވެ.