ޚަބަރު

މަރުވި ބަންގްލަދޭޝް މީހާ ދިރިއުޅުނީ ކަޅުތުއްކަލާކޮށީގައި، މަސައްކަތްކުރަމުން އައީ ސިފައިންނަށް ކާންދޭ ބަދިގޭގައި

ކޮވިޑު ޖެހިފައި ވަނިކޮށް ރާއްޖޭން މަރުވި ދެވަނަ މީހާކަމަށްވާ، ބަންގްލަދޭޝް މީހާ ދިރިއުޅެމުން އައީ ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ވަޒީފާގައިކަން "ވަން" އަށް ކަށަވަރުވެއްޖެ އެވެ.

ފިޓް ޖެހިގެން އުމުރުން 33 އަހަރުގެ އެމީހާ ފުރަތަމަ ގެންދިޔައީ އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާއަށެވެ. އޭނާ ނިޔާވީ ހާލު ސީރިއަސް ވެގެން، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސް ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން ކޮވިޑަށް ހެދި ޓެސްޓުންނެވެ. ޕޮޒިޓިވް ކަން އެނގުނީ މަރުވިފަހުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު ފައިޝަން ވިދާޅުވީ، އައިޖީއެމްއެޗަށް ގެންގޮސް ހެދި ސީޓީ ސްކޭނުން އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ލޭ އަރާފައި ހުރިކަން ފާހަގަވި ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ދިއުން ކަމަށާއި އަދި ފިޓް ޖެހުނީ ސިކުނޑިއަށް ލޭ އެޅި ޕްރެޝަރު ބޮޑުވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި މި މީހާ ވަޒީފާއަދާ ކުރަނީ ކަޅުތުއްކަލާ ކޮށި (ކޭކޭ)ގެ ބަދީގޭގަ އެވެ. އޭނާގެ މައިގަނޑު ޑިއުޓީއަކީ ބަދިގޭގައި ކައްކާ ކާބޯތަކެތި ޕެކުކޮށް، ޑެލިވަރީ ވެހިކަލަށް ލޯޑު ކުރުމެވެ. މި ތަކެއްޗަކީ ލޮކްޑައުންއާއި ގުޅިގެން ކޭކޭ އިން ބޭރުގައި އެކި ޑިއުޓީ ޕޮއިންޓުތަކުގައި ތިބޭ ސިފައިން ރޯދަ ވީއްލުމަށާއި ކެއިންބުއިމަށް ފޮނުވާ ތަކެއްޗެވެ.

މިމީހާގެ މަރާ ގުޅޭ ގޮތުން ވަން އިން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި، އޭނާ އަނބުރައިގަނެގެން އަސްކަރީ ހޮސްޕިޓާ، ސެނަހިޔާއަށް ގެންދިޔައީ އިއްޔެ ހަވީރުއެވެ. އޭނާ އަނބުރައިގަތީ، ކަޅުތުއްކަލާގެ ބަދިގޭ ކައިރީގައި ހުންނަ ޖަންގްޝަނެއް މައްސަލަޖެހި އެ ޖަންގްޝަނުގެ މަތިގަނޑު ނެގި ގަޑީގައި އެރި ވިހަ ގޭހުގެ ސަބަބުންނެވެ. އެގަޑީގައި އޭނާއާ އެކު ބަންގްލަދޭޝް އެހެން މީހަކުވެސް އަނބުރައިގަތެވެ. ނަމަވެސް އެމީހާ ވަނީ އިރުކޮޅެއް ފަހުން ހޭ އަރައިފަ އެވެ. މި ހާދިސާ ހިނގި ވަގުތު އެތަނުގައި ސިފައިންގެ މީހުންވެސް ކޮންމެވެސް ވަރަކަށް ތިބިކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ވަން އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވި މީހާއަކީ ލޮކްޑައުނަށް ފަހު މިދިޔަ ދިގު މުއްދަތުގައި އެއްވެސް ގޮތަކަށް ކޭކޭއިން ބޭރަށް ގޮސް އުޅުނު މީހެއް ނޫނެވެ. އެ މީހުން ތިބެނީ ކޭކޭގަ އެވެ. އަދި އޭނާއާ އެކު އެތަނުގައި 24 ވަރަކަށް ބަންގްލަދޭޝް މީހުން ދިރިއުޅެ އެވެ. މަރުވުމާއި ހަމަޔަށް ވެސް އޭނާ އުޅުނީ ކޭކޭގައި އޭނާއާ ހަވާލުކޮށްފައި އޮންނަ މަސައްކަތުގަ އެވެ. ބައްޔަށް ޝައްކު ކުރެވޭ އެއްވެސް އަލާމެއް އޭނާގެ ފުށުން ފެނިފައެއް ނުވެ އެވެ.

އޭނާ މަސައްކަތްކުރާ ދެބުރި އިމާރާތުގެ ތިރީ ބުރީގައި ބަދިގެ ހުންނަ އިރު މަތީގައި ހުންނަނީ ކާ ބައެވެ. ކޭކޭއިން ކެއުމުގެ ކަންކަން ހަމަޖައްސާފައި އޮންނަ ހުރިހާ ސިފައިން ކާނީ މި ކާބައިންނެވެ. ބަދިގޭ މީހުންގެ ކެއުމުގެ ކަންކަން ތިރީގައި ހަމަޖައްސާފައި އޮންނަ އިރު، މަތީބައިގެ ސުފުރާ މައްޗަށް ކާން ތައްޔާރުކުރަނީ ބަދިގޭ މުވައްޒަފުންނެވެ. ބަދިގޭގައި އުޅުނު ނަމަވެސް، މަރުވި މީހާއަކީ ވެއިޓަރެއްގެ ވަޒީފާގައި އުޅޭ މީހަކަށް ނުވާތީ، މަތީ ބަޔަށް ކާން ހެދުން ފަދަ ކަންކަމަށް އޭނާ ނާރާނެ ކަމަށާއި އެހެން ނަމަވެސް ބާރު ބޮޑުވެގެންދާ ބައެއް ހާލަތްތަކުގައި އަރާފައި ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވަން އަށް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.

އެއްވެސް އަލާމާތެއް ހުރިކަން ކުރީން ނޭނގި، އެކަހެރިވެސް ނުކޮށް ހުރި މި މީހާގެ މަރާއި ގުޅިގެން، މިއީ ބޮޑު ކްލަސްޓާއަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި އޭނާ މިދިޔަ ދިގު މުއްދަތުގައި އުޅުނީ ކޭކޭގައި ކަމުން އޭނާއާ އެތައް ބަޔަކާ ސީދާ ބައްދަލުވެފައި ވެސް ހުންނާނެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދާދި ފަހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ކޮވިޑް ޖެހި އެހެން ނަމަވެސް އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ އަދަދު ވަނީ 41 ޕަސެންޓަށް އަރައިފަ އެވެ. އަދި ބަލި ޖެހިފައި ތިބިކަން ނޭނގި ނަމަވެސް، ޕޮޒިޓިވް ގިނަ ބަޔަކު މުޖުތަމައު ތެރޭގައި އުޅުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.