ޚަބަރު

މިއަދު މަރުވި ބިދޭސީ މީހާ ހުޅުމާލޭ ސަހަރާގައި ވަޅުލައިފި

އަލީ ޔާމިން

ކޮވިޑް 19 ޖެހިގެން މަރުވި ބަންގްލަދޭޝް މީހާގެ ޖަނާޒާ ބާއްވައި، އޭނާ ވަޅުލައިފިއެވެ.

މަރުވި މީހާގެ ކަށުކަމާކެމީގެ ކަންތައްތައް ކޮށްފައިވަނީ އެމްއެންޑީއެފްގެ ފިރިހެން ސިފައިންނެވެ. މައްޔިތާ ވަޅުލާފައި ވަނީ ހުޅުމާލޭ ސަހަރާގައެވެ.

ކޮވިޑް ޖެހިގެން މީހުންގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިޔުމާ ގުޅޭ ތަމްރީނުތައް ވަނީ އަންހެން އަދި ފިރިހެން ސިފައިންނަށް މީގެ ކުރިން ދީފައެވެ.

މައްޔިތާގެ ކަށުކަމާކެމީގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ތިބީ، ރައްކާތެރި ކަމުގެ ސޫޓް ލައިގެންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ.

މިއަދު މަރުވި މީހާއަށް ކޮވިޑް ޖެހިފައިިވީ ނަމަވެސް، އޭނާ މަރުވީ އެބަލީގެ ސަބަބުން ދިމާވި ކަންތައްތަކުން ކަމަށް ނުބެލެވޭ ކަމަށް އޭނާއަށް ފަރުވާދިން، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

އެ ޕޭޝަންޓަށް ފަރުވާދިނުމުގައި އުޅުއްވި، އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު ފައިޝަން ވިދާޅުވީ، އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ އެ މީހާ މަރުވީ، ސިކުނޑިއަށް ލޭ އެޅިގެން ކަމަށާއި އޭނާއަށް ފިޓް ޖެހުނީވެސް އެކަމުގެ ސަބަބުން މެދުވެރިވި ކަންތައްތަކެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ބައެއް ހާލަތްތަކުގައި ސިކުނޑިއަށް ނުވަތަ ސިކުނޑީގެ ލޭ ހޮޅިތަކަށް އަސަރުކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް ގިނަ ފަހަރަށް އެހެން ދިމާވަނީ ލޭ ހޮޅިއެއް ބެދިގެން ކަމަށެވެ.

ފިޓް ޖެހިގެން އުމުރުން 33 އަހަރުގެ އެމީހާ ފުރަތަމަ ގެންދިޔައީ އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާއަށެވެ. ނަމަވެސް އޭނާ މަރުވީ ހާލު ސީރިއަސް ވެގެން، އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން ކޮވިޑަށް ހެދި ޓެސްޓުންނެވެ.

އެ މީހާއަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކަށް ވާތީ، ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކަށް ބަލާއިރު، މިއީ ކޮވިޑާ ގުޅުން ހުރި މަރެއްގެ ގޮތުގައި ގުނާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެހެންކަމުން، މިއީ ކޮވިޑުގެ ސަބަބުން ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. މީގެ ކުރިން މަރުވެފައިވަނީ 83 އަހަރުގެ ދިވެހި އަންހެނެކެވެ.