ޝަހީދާ އަބްދުﷲ ސައީދު
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޚާއްސަ ރަސްމިއްޔާތު އަންނަ ބުދަ ދުވަހު ގއ. ގެމަނަފުށީގައި ފާހަގަކުރަން ސަރުކާރުން ނިންމަވައިފިއެވެ.
މިއަހަރު ފާހަގަކުރާ މަސްވެރިންގެ ދުވަސް ގެމަނަފުށީގައި ފާހަގަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އއ. އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަސްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ގެމަނަފުށީގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެހަރަކާތްތައް އަންނަ ބުދަ ދުވަހު ގެމަނަފުށީގައި ކުރިއަށްދާނެ ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ފޮނުއްވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ ދުވަސް ވަކި ރަށެއްގައި ފާހަގަކުރި ނަމަވެސް އެދުވަހަކީ ވަކި ރަށަކަށް ޚާއްސަ ދުވަހެއް ނޫން ކަމަށެވެ.
އުކުޅަހަކީ މަސްވެރި އާއިލާތަކެއް ދިރިއުޅޭ މަސްވެރި ރަށެއް ކަމަށާއި މިއަދު އުކުޅަހަކީ ފުދުންތެރި ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުކުޅަހަކީ ލޯކަލް ޓޫރިޒަމް ފައްކާކޮށް ގެސްޓް ހައުސް ވިޔަފާރީގައި ކާމިޔާބީތަކެއް ހޯދަމުން އަންނަ ރަށެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.