ރާއްޖޭގެ ނޫސްވެރިކަން ކުރިއަށް ގޮސްފައިވާކަން އަންނަ އަހަރު ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން ދުނިޔޭގައި ނިސްބަތުން ކުރިއަރާފައިވާ މިންވަރު އަންނަ އަހަރުގެ މިދުވަހު ހާމަކުރައްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ނިމިދިޔަ ސަރުކާރުން ރާއްޖޭގައި ނޫސްވެރިކަން ނެތިކޮށްލަން މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ވިދާޅުވީ ނޫސްވެރިކަމާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާއިން ހާމަކޮށްފައިވާ ރިޕޯޓްގައި 180 ގައުމުގެ ތެރެއިން ރާއްޖެ ހިމެނިފައިވަނީ 120 ވަނައިގައި ކަމަށެވެ. އަދި އެއީ ފާއިތުވި އަހަރާ އަޅައި ބަލާއިރު ތިން ދަރަޖައިގެ ވެއްޓުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެރިޕޯޓަށް ބަލާއިރު ރާއްޖޭގެ ނޫސްވެރިކަމުގެ މިންގަނޑު 2012 ވަނަ އަހަރުން ފެށިގެން އެތައް ދަރަޖައެއް ފަހަތަށް ގޮސްފައިވާ ކަމަށެވެ. އަދި އެޖަމޮިއްޔާއިން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު މިހާރު އޮތީ ވިހަވެފައި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން ރާއްޖޭގެ ޖަލު ތަކުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖޭގައި ޑިމޮކްރަސީ ނެތްކަމަށް ނިންމި ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްގެން މެނުވީ ރައްޔިތުން އެދޭ ދިވެހި ރާއްޖެއެއް ބިނާކުރެވޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ސަރުކާރު ނުރުހޭ ކަމެއް ކަމުގައި ވިޔަސް އެޚިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށްގެން ރައްޔިތުންގެ އެއްވެސް ހައްގެއް ހަނި ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވަގުތީ ބޭނުމަކަށް ވިޔަސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ހަނިކުރުމުން މުޅި ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށާއި އެއީ އެމަނިކުފާނު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ގޮތް ނޫން ކަމަށެވެ.