ޚަބަރު

ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން ބަލައި އެގައުމުގެ މަނަވަރުތަކެއް ރާއްޖެ އަންނަނީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި ތަށިވެފައި ތިބި އަވައްޓެރި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށްޓަކައި އެގައުމުގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރުތަކެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި އަންނަ މަނަވަރުތައް އެނބުރި އިންޑިއާއަށް ދާނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އަދި މި މަނަވަރުތައް އެނބުރި ގޮސް ބަނދަރު ކުރާނީ އިންޑިއާގެ ކޮޗިންގައި ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، މުމްބާއީގެ ބަނދަރުން އައިއެންއެސް ޖާލަޝްވާ އާ، އައިއެންއެސް މާގަރު ވަނީ ރާއްޖެ އައުމަށް ދަތުރުފަށައިފައެވެ. ކޮވިޑް 19 އާ ގުޅިގެން ގައުމުތައް ލޮކްޑައުންކޮށް، ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާ އިރު، އެކި ގައުމުތަކުގައި ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނާއި ސަރަހައްދީ އަވައްޓެރި ގައުމުތަކަށް ނިސްބަތްވާ މީހުން އެއްގައުމުން އަނެއްގައުމަށް ގެންގޮސް އަދި ގެނައުމުގެ މަސައްކަތް އިންޑިއާއިން އަންނަނީ ކުރަމުންނެވެ.

އިންޑިއާ ސަރުކާރުން މިފެށި ދަތުރުތަކުގައި ރާއްޖޭގެ އިތުރުން ގައުމަށް ނާދެވި ޔޫއޭއީގައި ތިބި އިންޑިއާ ރައްޔިތުން ގައުމަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.