ޚަބަރު

އެއަޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިލޭ ޕާކްކުރެވޭނެ ގޮތް ހަމަޖައްސައިފި

މުހައްމަދު އައުޒަމް

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިލޭ ޕާކް ކުރެވޭ ޕާކިން ޒޯން ހުޅުވައިފިއެވެ.

ހިލޭ ޕާކް ކުރެވޭ ޕާކިން ޒޯން ހުޅުވުމަށް ހުޅުލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޕާކިން ޒޯން ހުޅުވުމުން އެއާޕޯޓުގައި މަސައްކަތް ކުރާ ފަރާތްތަކަށް 700 ސައިކަލު ހިލޭ ޕާކު ކުރެވޭނެ ކަމަށެވެ. އަދި މުސްތަގުބަލުގައި އިތުރު 1000 ޖާގައިގެ ޕާކިން ޒޯނެއް ހުޅުވިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ މިމަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެއާޕޯޓްސް ކޮމްޕެނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު މޫސާ ސޯލިހް ވިދާޅުވީ މިހާރުވެސް އެއާޕޯޓުގެ އިރުމަތީ ފަރާތުގައި 300 ސައިކަލް ޕާރކް ކުރެވޭ ޕާކިންގ އޭރިއާއެއް އޮންނަ ކަމަށާއި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން މިހުޅުވުނު 700 ޖާގައިގެ ޕާކިންގ ޒޯނުގެ ސަބަބުން މުވައްޒަފުންނަށް ފަސޭހަވެގެން ދާނެކަމަށެވެ.

މޫސާ ސޯލިހް އިތުރަށް ވިދާޅުވީ ޕާކިންގ އޭރިއާއިން ފެށިގެން ޓާމިނަލަށް ދެވެން އޮންނަ މަގު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.