ކޮވިޑް 19 ގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާތީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފެމިލީ ކޯޓުން ކައިވެނިކޮށްދޭން ފަށައިފި އެވެ.
އެކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް އެކުލަވާލައި އިއްޔެ އިން ފެށިގެން އެއުސޫލަށް އަމަލުކުރަން ފަށައިފައެވެ.
އެ އުސޫލުގައި ބުނެފައިވާގޮތުގައި، އެފަދަ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖިލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ. އެގޮތުން ކައިވެނީގެ މަޖިލިސް ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ވީޑީއޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވާ އޮންލައިން ޕްލެޓްފޯމަށް ލޮގިން ވާން ޖެހޭނެ ކަމަށް އެކޯޓުން ބުނެއެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވާ ގޮތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހެ އެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާން ޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި ހާޒިރުވާން ޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފެމިލީ ކޯޓުން މި ގޮތަށް ކައިވެނިކޮށްދިން ކަމުގައި ވިޔަސް، ކައިވެނީގެ މަޖިލިސް ފަށާނީ އާންމު އުސޫލުން ކަމަށާއި، އެގޮތުން ކައިވެނީގެ ހުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފިން" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގައި، ކައިވެނިކުރާ މީހުންނަށް ކޯޓުން ދޭނީ ހާއްސަ ނަމްބަރެއް ޖަހާފައިވާ ވަގުތީ ލިޔުމެކެވެ. އެ ލިޔުން ފޮނުވާނީ މެއިލް ނުވަތަ ސޯޝަލް މީޑިއާ ވަސީލަތެއް މެދުވެރިކޮށް ކަމަށް އެކޯޓުން ވަނީ ބުނެފައެވެ.