ޚަބަރު

ނިޒާމުގެ ބުރަހެލިކަން ފިލުވާލުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފަން ޖެހޭ: ޕީޖީ ޝަމީމް

މަރިޔަމް ޝަހުދާ

ނިޒާމުގެ ބުރަހެލިކަން ފިލުވާލުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފަން ޖެހޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ އައްޑޫގެ ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރެންސިންގެ ބޭނުންކޮށްގެން ޝަރީއަތްތައް ކުރިއަށް ގެންދަން ފެށުމުން، އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އައްޑޫ ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރެންސްގެ ކަންކަން ހަމަޖެއްސި ފަދައިން ހދ. ކުޅުދުއްފުށި ސިޓީގައިވެސް ވީޑިއޯ ކޮންފަރެންސިންގެ ނިޒާމު ގާއިމު ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ވީޑިއޯ ކޮންފަރެންސިންގެ ނިޒާމު ގާއިމު ކުރާނީ ލޮކްޑައުންގެ ކަންކަމަށް ލުޔެއް ލިބުމުން ކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކޯޓުން ޝެޑިއުލް ކޮށްފި ނަމަ މިހާރުވެސް ޕީޖީގެ ފަރާތުން ޝަރީއަތަށް ހާޒިރުވާނެ ކަމަށެވެ. އަދި މިކަން ރަނގަޅުކުރެވޭނީ ކެތްތެރިކަމާއެކު އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރެންސިންގެ ހިދުމަތް ގާއިމުކޮށް އައްްޑޫ އަދި ފުވައްމުލަކުގައި ޝަރީއަތްތައް ފަށާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ހިތަދޫގައި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.