އަލީ ޔާމިން
ކޮވިޑް 19އާ ދެކޮޅަށް ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތަކަށް މިހާތަނަށް ކުރި ހަރަދުތައް 665.4 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
ކޮވިޑް 19އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ހަރަދު އަންގައިދިނުމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ރިޕޯޓުގައިވާ ގޮތުން އެންމެ ގިނަ ހަރަދުތަކެއް ކުރެވިފައިވަނީ ޕާސަނަލް ޕްރޮޓެކްޝަން އިކިއުޕްމެންޓް (ޕީޕީއީ)ފަދަ ސިއްހީ އެކިއެކި އާލާތްތަކާއި ބައެއް ކަހަލަ ބޭސް ހޯދުމަަށާއި، ކާބޯތަކެތި ގަތުމަށެވެ.
މި ހަރަދުތަކުގެ 91.2 އިންސައްތަ ހަރަދުކޮށްފައިވަނީ ހެލްތު މިނިސްޓްރީ އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެގޮތުން އެންޑީއެމްއޭއިން 387.3 މިލިއަން ރުފިޔާ ހަރަދުކުރިއިރު ހެލްތު މިނިސްޓްރީން ވަނީ 135.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ސަރުކާރުގެ އެހެން އިދާރާތަކުން ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު ޕްލޭނިން މިނިސްޓްރީން 27.0 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެމްއެންޑީއެފްއިން އެކިއެކި ބޭނުންތަކަށް ފަސް މިލިއަން ހަރަދުކޮށްފައިވެއެވެ. އަދި ފޮރިން މިނިސްޓްރީން ޖުމްލަ 3.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެންސްޕާއިން 2.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އައިޖީއެމްއެޗާއި އިމިގްރޭޝަނުން ހަރަދުކޮށްފައިވަނީ އެއްލައްކަ ރުފިޔާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކޮވިޑުގެ ބޭނުމަށް ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާއިރު، ޓޫރިޒަމް ޓްރަސްޓް ފަންޑުން 15.9 މިލިއަން ރުފިޔާ އަދި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ސަރުކާރުން ކޮވިޑާ ދެކޮޅަށް ހަރަދުކުރި 665.4 މިލިއަން ރުފިޔާގެ ތެރެއިން 353.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ އެކިއެކި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށެވެ. މީގެ އިތުރުންވެސް 20.7 ރުފިޔާ ޒަރޫރީ ތަކެއްޗަށް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. މި ހަރަދުތަކުގެ ތެރެއިން 110.6 މިލިއަން ރުފިޔާ ބޭނުންކޮށްފައި ވަނީ ސަބްސިޑީ އަދި އެކި ފަރާތްތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށެވެ.
ރިޕޯޓުގައިވާ ގޮތުން ބިމާއި އިމާރާތްކުރުމުގެ ބޭނުންތަކަށް 45.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ސަރުކާރުގެ ހިންގުމަށް ބޭނުންވާ އާލާތްތައް ހޯދުމަށްޓަކައި 94.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ސަރުކާރު ހިންގުމުގެ ހިދުމަތްތަކަށް 32.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މަރާމާތުގެ ބޭނުންތަކަށް ޖުމްލަ ހަ މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ދަތުރުފަތުރަށް 2.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.