ޚަބަރު

ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އައިއޭސީގެ "ލޯތްބާއެކު" ފަންޑަށް އެތައް ދިވެހިންނެއް އެހީތެރިވެއްޖެ

މަރިޔަމް ޝަހުދާ

މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީގެ "ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް" ފަންޑަށް އެތައް ދިވެހިން އެހީތެރިވެއްޖެއެވެ.

އައިއޭސީން މައުލޫމާތު ދިން ގޮތުގައި "ލޯތްބާއެކު" ފަންޑަކީ 2018 ވަނަ އަހަރުން ފެށިގެން ރޯދަމަހާ ދިމާކޮށް އައިއޭސީން ހިންގަމުން އަންނަ ހަރަކާތެކެވެ. އަދި ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ދިވެހިންގެ ބޮޑު ތަރުހީބެއް މި ފަންޑަށް ލިބިފައިވާ ކަމަށާއި، އެގޮތުން މިހާތަނަށް މި ކެންޕެއިނަށް ޖުމުލަ 827,171.18 ރުފިޔާ ލިބިފައިވާ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ.

އެގޮތުން ބޭނުން ޖެހިފައިވާ މީހުންނަށް "ލޯތްބާއެކު" ފަންޑުން އެހީތެރިވުމުގެ ކަންކަން ތިން ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. އައިއޭސީން ބުނީ މި ފަންޑުން އެހީ ފޯރުކޮށްދީފައިވަނީ ޔުގެންޑާ، ފަލަސްތީނުގެ ގާޒާ އަދި ތުރުކީގެ ބޯޑަރު ސަރަހައްދުގައި އުޅޭ ސީރިއާގެ ރެފިއުޖީންނަށް ކަމަށެވެ.

ޔުގެންޑާގައި 100 އާއިލާއަކަށް އެހީތެރިވި ކަމަށާއި އެގޮތުން އެ 100 އާއިލާއަށް މުޅި ރަމަޟާން މަހަށް ފުދޭވަރަށް ކާބޯތަކެތީގެ ޕެކޭޖު އަދި ހައިޖީން ޕެކޭޖު ދީފައިވާ ކަމަށް އައިއޭސީން ބުނެއެވެ. އަދި ތުރުކީ ބޯޑަރު ސަރަހައްދުގައި ތިބި ސީރިއާގެ ރެފިއުޖީންގެ ތެރެއިން 100 އާއިލާއަކަށްވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އައިއޭސީން ބުނެއެވެ.

އެގޮތުން ސީރިއާގެ ރެފިއުޖީ 100 އާއިލާއަކަށް ރަމަޟާން މަހަށް ވާވަރަށް ކާބޯތަކެތީގެ ޕެކޭޖް ސަދަގާތްކޮށްފައިވާ ކަމަށް އައިއޭސީން ބުނެއެވެ. އަދި ގާޒާގެ 100 އާއިލާއަކަަށްވެސް ކާބޯތަކެތީޖެ ޕެކޭޖު ފޯރުކޮށްދީފައިވާނެ ކަމަށް އައިއޭސީން ބުނެއެވެ. މި ތިން ސަރަހައްދުގެ އިތުރުން މި ފަންޑުގެ ދަށުން ރޮހިންޔާ ރެފިއުޖީންނަށާއި، ނޭޕާލް އަދި ޔަމަންގެ ނިކަމެތި އާއިލާތަކަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށް އައިއޭސީން ބުނެއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ފެށި މި ކެމްޕެއިން މިމަހު 19ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް އައިއޭސީން ވަނީ ނިންމާފައެވެ. މީގެ އިތުރުން މިއަހަރުގެ މި ކެމްޕެއިނުގައި ކޮވިޑް 19 އާއި ގުޅިގެން އައިއޭސީން ފޯރުކޮށްދޭ އެހީތެރިކަމުގެ ޕެކޭޖުގެ ތެރޭގައި ހައިޖީން ޕެކެއް ހިމަނާފައިވާނެ ކަމަށް އައިއޭސީން ބުނެއެވެ. އެގޮތުން ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް އައިއޭސީން ބުނެއެވެ.

އައިއޭސީން އަންނަނީ ލޯތްބާއެކު 2020 ކެމްޕޭނުގެ ޑިސްޓްރިބިއުޝަންތަކުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރަމުންނެވެ. އަދި އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އައިއޭސީން ބުނެއެވެ. މީގެ އިތުރުން މި ކެމްޕޭނާއި ބެހޭ އިތުރު މައުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅައިގެން ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އައިއޭސީން ބުނެއެވެ.