ޝަހީދާ އަބްދުﷲ ސައީދު
ބާރުތައް މައި ސަރުކާރަށް ޖަމާކޮށްގެން މިސަރުކާރުން ވެރިކަން ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބާރުތައް މައި ސަރުކާރަށް ޖަމާކޮށްގެން ވެރިކަން ކުރުމަކީ މިސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށާއި ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ގާއިމްކުރެވިގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާއިރު، މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ކައުންސިލުތަކަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ބާރުތަކެއް ލިބިދީފައި ވީނަމަވެސް ކައުންސިލުތަކުގެ ބާރުތައް ކުރީގެ ސަރުކާރުން ނަގާފައިވާކަމަށެވެ.
ނަމަވެސް ކައުންސިލުތަކަށް ބާރުތައް ދިނުމަށް މިހާރު ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވި ރަށުގެ ތަރައްގީއަކީ އެރަށެއްގެ ވަޒަންވެރިންގެ ކިބައިން އުފައްދަންޖެހޭ އެއްޗެއް ކަމަށް އަބަދުވެސް ގަބޫލުފުޅުކުރައްވާކަމަށެވެ.
''މައިސަރުކާރަށް ބާރުތައް ޖަމާކޮށްގެން މިސަރުކާރަކުން ވެރިކަމެއް ނުކުރާނަން. ރަށުގެ ތަރައްގީއަކީ އެރަށެއްގެ ވަޒަންވެރިން ގެންނަން ޖެހޭނެ އެއްޗެއް ކަމަށް އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަން. އެކަމަށްޓަކައި ކައުންސިލްތައް ބާރުވެރި ކުރުވުމުގެ މަސައްކަތް މިހާރު މިވަނީ ފަށާފައި.'' ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކައުންސިލުތައް ބާރުވެރި ކުރުވުމަށްޓަކައި ހުސްވި ހަފްތާގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކާއި އެއްގޮތަށް ސިޓީ ކައުންސިލުތަކަށް މިހާރު ވަނީ ކުރިން ނުދީ ހިފަހައްޓާފައި ހުރި ބައެއް ބާރުތައް ވެސް ދޫކޮށްލާފައި ކަމަށެވެ. އަދި އިތުރު ބާރުތައް ދިނުމަށް ދެން އޮންނަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަދި އެކި ކަންކަމަށް ގާނޫނުތަކާ އެއްގޮތަށް ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި އިމާރާތްކުރުމުގެ ހުރިހާ ކަމެއް ވެސް މިހާރު ވަނީ ސިޓީ ކައުންސިލްތަކަށް ދޫކޮށްލާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިޔަފާރިތަކާއި އެސިޓީގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ހޯދާ ބެލެހެއްޓުމާއި އަދި މަގުތަކާއި ބަނދަރުތަކާއި ފާލަމާއި އަދި ފެރީ ޓާމިނަލް ހެދުމާއި މަރާމާތުކޮށް ބެލެހެއްޓުމަކީ ވެސް މިހާރު ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އުކުޅަހަށް ވަޑައިގަތުމުން އެމަނިކުފާނަށް ދެންނެވި ހޫނު މަަރުހަބާއަށްޓަކައި އެރަށުގެ ރައްޔިތުންނަށް ވަނީ ޝުކުރު ދަންނަވާފައެވެ. މިޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.