ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖަލުތަކުގައި ވިޔަސް އިންސާނީ ކަރާމާތް ނިގުޅައިގަންނަން ފުރުސަތެއް ނުދޭނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ޖަލުތަކާއި އަދި އެނޫންވެސް ތަންތަނުގައި އިންސާނީ ކަރާމާތް ނަގައިލުމަށް ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ ގުޅިގެން ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނަށް އެންމެ އަގުބޮޑު އެއްޗަކީ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ވެސް ދެމި އޮންނާނީ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި ކަމަށެވެ.

' ޖަލުތަކާއި އަދި އެނޫންވެސް ތަންފީޒީ އިދާރާތަކުގައިވެސް އިންސާނީ ކަރާމާތް ނަގާލާކަށް ފުރުސަތެއް ނުދެވޭނެ. ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން މިދަނީ އެގޮތުގެ މަތީން. ތިޔަ ލޮބުވެތި ރައްޔިތުންނަށް އެކަން ކަށަވަރުކޮށް ދިނުމަށްޓަކައި.'' ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ކޮންމެ ގައުމެއްގެ ވެސް ހަގީގީ މިނިވަން ކަމަކީ ވީހާލެއްގައި ވެސް ގައުމުގެ މިނިވަންކަން ދެމެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މީގެކުރީގެ ސަަރުކާރުތަކުން ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެކަށިގެންވާ ވަރަށް މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.