ޚަބަރު

ކޮވިޑްގެ ސަބަބުން ދިވެހި އަންހެނުންނަށް ކުރާ ނޭދެވޭ އަސަރު ދެނެގަތުމަށް ދިރާސާއެއް ކުރަންޖެހޭ: މިންނު

އަލީ ޔާމިން

ކޮވިޑް 19ގެ ސަބަބުން ދިވެހި އަންހެނުންނަށް ކުރާ އަސަރު ދެނަގަތުމަށްޓަކައި ދިރާސާއެއް ކުރަން ޖެހޭކަމަށް ވިމެން އިން މެނޭޖެމެންޓް މޯލްޑިވްސް (ވިމް) ގެ ރާއްޖޭގެ ގޮފީގެ ރައީސާ، މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19ގެ ސަބަބުން އަންހެން ވިޔަފާރިވެރިންނަށް ކުރާ އަސަރާމެދު މަޝްވަރާ ކުރުމަށް ވިމެން އިން މެނޭޖުމެންޓުން ވަން އޮންލައިންއާއި ގުޅިގެން، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ އެހީތެރިކަމާއެކު ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް، ބޭއްވި ބައިނަލްއަގުވާމީ މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިންހާ ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެއްކޮށް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އާމްދަނީ ވަންނަ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އެއްކޮށް ހުއްޓުމަކަށް އައިސްފައިވާއިރު، އެހެން ހުރިހާ ވިޔަފާރިތަކެއް ވެސް ހުރީ ހުއްޓިފައިކަން މި ކޮންފަރެންސްގައި މިންނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ހަ ގައުމަކުން ހަތް ބޭފުޅަކު ބައިވެރިވެވަޑައިގެން އެ ގައުމުތަކުގައި އަންހެން ވިޔަފާރިވެރީންނަށް ކުރިމަތިވެފައިވާ ހާލަތާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަދެއްކެވި އެވެ. އެ ބޭފުޅުންނަކީ، ސްރީލަންކާގެ ސީބީއެލް ގްރޫޕުގެ މެނޭޖިން ޑައިރެކްޓާ ޝިއާ ވިކަރްމާސިންހާ، ކެނެޑާގެ އެންތޮރީ އެންޑް އެސޯޝިއޭޓް ޕީސީގެ ބަރިސްޓާ، ދެވިކާ އެންތޮނީ، އެމެރިކާގެ ހެރޯގެ ކުރީގެ މޭޔަރު ކައިރުލް ކަރީމާ މަރިކަރް، މެލޭޝިއާގެ ދަ ސެންޓާ އޮފް އެޕިޑައިޑް ޑޭޓާ ސައިންސްގެ ފައުންޑާ ޝަރަލާ އެކްސްރިޑް، އެމެރިކާގެ ޕެއާ ޕާޓްނާސްގެ ފައުންޑަރު ހެންނާ ޝައިގާޓްޒް، ވިމަން އިން މެނޭޖުމެންޓް މޯލްޑިވްސްގެ ރައީސާ އަދި ވަން އޮންލައިންގެ ޗެއާޕާސަން މިންހާ ފާއިޒް، ސައުތު އޭސިއާ އެޑްވައިޒަރީ ސާވިސަސްގެ ކޯޕަރޭޓް ގަވަނެންސް އޮފިސަރު ލޮޕާ ރަހްމާންގެ އިތުރުން ވިމަން އިން މެނޭޖުމެންޓުގެ ފައުންޑަރު އަދި ޗެއާޕާސަން ޑރ. ސުލޯޗަނާ ސެގެރާއެވެ.

މިންނު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އަންހެން ވިޔަފާރިވެރިންނާއި، އެމީހުންގެ ވިޔަފާރިތަކަށްވެސް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް ފްރީލާންސަރުންގެ ގޮތުގައި މަސައްކަތް ކުރާ އަންހެނުންނަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަން ފާހަގަކުރައްވައި މިންނު ވިދާޅުވީ އެހެންކަމުން ކޮވިޑުގެ ސަބަބުން ދިވެހި އަންހެނުންނަށް ކުރާ އަސަރު ދެނެގަތުމަށް ރަސްމީ ދިރާސާއެއް ވީ އެންމެ އަވަހަކަށް ކުރަން ޖެހޭނެ ކަމަށެވެ.

"ވަރަށް ބޮޑެތި ގެއްލުންތަކެއް އަންހެން ވިޔަފާރިވެރިންނަށް އެބަވޭ. ހާއްސަކޮށް ފްރީލާންސަރުންނަށް. އެހެންކަމުން އެ ގެއްލުންތައް ދެނެގަތުމަށް ދިރާސާއެއް ކުރަން ޖެހޭ އަދި އެކަން އަވަސްވެސް ކުރަން ޖެހޭ." މިންހާ ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން ގެއްލުންވި ވިޔަފާރިތަކަށާއި މީހުންނަށް އެހީވުމަށް ސަރުކާރުން ހުޅުވާލި ރިލީފް ޕެކޭޖުތަކަށް އެދުމުގައިވެސް ބައެއް އަންހެން ވިޔަފާރިވެރިންނަށް އުނދަގޫވާ ކަމަށް މިންހާ ވިދާޅުވިއެވެ. އެއީ އެ ޕެކޭޖުތަކަށް އެދުމުގައި އޮންނަ އުސޫލުގައި އުނދަގޫތަކެއް ހުރުމުން ކަމަށާއި ނަމަވެސް އެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާ ކަމަށް މިންހާ ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން އަންހެނުންނަށް ކުރާ އަސަރު ދެނެގަތުމަށް ޔުނިސެފުން ވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިންހާ ވިދާޅުވިއެވެ.

ކޮވިޑު 19އާ ދެކޮޅަށް ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތުގެ ކުރީ ސަފުގައިވެސް ގިނަ އަދަދެއްގެ އަންހެނުން ހިމެނޭކަން ފާހަގަކުރައްވައި މިންހާ ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އެކަމުންވެސް ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އަންހެނުންގެ ދައުރު ބޮޑުކަން ހާމަވާކަން މިންހާ ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި އެމެރިކާގެ ޕެއާ ޕާޓްނާސްގެ ފައުންޑަރު އަދި ޗީފް އޮޕަރޭޝަންސް އޮފިސަރު ހެންނާ ސައިގާޓްޒް ވިދާޅުވީ، ކޮވިޑުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން 22 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސްޕީކަރުންވެސް ވަނީ ކޮވިޑުގެ ސަބަބުން އެގައުމެއްގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި ކޮވިޑުގެ ސަބަބުން އެގައުމުތަކުގެ އަންހެން މަސައްކަތްތެރީންނަށް ހުރި ގޮންޖެހުންތައް ހިއްސާކޮށްފައެވެ.