ޚަބަރު

ކޮވިޑް 19 އިން އަރައިގަތުމަށް ކުދި ގައުމުތަކުން އެކަތިގަނޑަކަށްވުމަށް ރާއްޖެއިން ގޮވާލައިފި

އައިދާ އަބްދުލް ހަކީމް

ކުދި ގައުމުތަކަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ކޮވިޑް 19 އިން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށްވުމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޝާހިދު މިހެން ގޮވައިލެއްވީ ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ކޮވިޑް 19 ރެސްޕޮންސް ކޮންޓެކްޓް ގްރޫޕުން ބޭއްވި ވީޑިއޯ ކޮންފަރެންސްގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދިވެހިރާއްޖެ ތަމްސީލްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުންނެވެ.

"ޔުނައިޓެޑް އެގެއިންސްޓް ކޮވިޑް-19" މި ޝިއާރުގެ ދަށުން ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އެވެ. ކޮވިޑް 19ގެ ސަބަބުން މެންބަރު ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ، މިކަމުން އަރައިގަތުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު މި ބައްދަލުވުމުގައި މެންބަރު ގައުމުތަކާއި، އޮބްޒާވާ ސްޓޭޓްތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، ހާރިޖީ ވަޒީރުންގެ އިތުރުން އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި، ކޮވިޑް 19ގެ ސަބަބުން ދިމާވާ ސިއްހީ އަދި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގައި މަލްޓިލޭޓަރިޒަމްގެ އުސޫލުތައް ކުރިއެރުވުމަށް މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މިނިސްޓަރު ޝާހިދު ދެއްވި ބަޔާނުގައި ކޮވިޑް 19އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ މައުލޫމާތު މެންބަރު ގައުމުތަކާ ހިއްސާ ކުރައްވައި، ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ މައިގަނޑު އެއް ސިނާއަތަކަށް އިގުތިސާދު ބަރޯސާވެފައިވާ ގައުމުތަކެއްކަން ފާހަގަކުރައްވައި، ބޭރުން އަންނަ ލޮޅުންތަކުގެ އަސަރު އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ހުއްޓުމެއް އައުމާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން މިއަހަރު ދަށަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ނާމްގެ މެމްބަރުންގެ ގޮތުގައި ތިބި ކުދި ގައުމުތަކަށް ދިމާވާ މި ގޮންޖެހުންތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމަށް އެ ޖަމާއަތުގެ މެންބަރު ގައުމުތަކަށް ގޮވާލައްވައިފައެވެ. އަދި ހާއްސަކޮށް މިދަނޑިވަޅުގައި ގައުމުތަކުގެ ބޭރުގެ ދަރަނިތައް އަދާކުރުމުން މަޑުޖައްސާލުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ގައުމުތަކަށް ބޭނުންވާ އެހީ ހޯދުމަށާއި، ބޮޑެތި ގައުމުތަކުގެ ފަރާތުން ބޭނުންވާ ދުރުރާސްތާ އެހީ ހޯދުމުގައި ނާމްއިން އިސްދައުރެއް އަދާކުރާނެ ކަމަށް ކުދި ގައުމުތަކުން ގަބޫލުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް 19އާ ދެކޮޅަށް މަސައްކަތްކުރުމަށް ނާމްގެ ޓާސްކްފޯސްއެއް އެކުލަވާލުމަށް މި ސަމިޓުގައި ނިންމި ނިންމުމަށް މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. މި ޓާސްކްފޯސްގެ މަސައްކަތަކަށް ވާނީ މެންބަރު ގައުމުތަކަށް މިވަގުތު ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހުގެ ބާވަތްތައް ހިއްސާކުރުމުން، ޓާސްކްފޯހުން އެހީދޭ ގައުމުތަކާ، ބައިނަލްއަގުވާމީ ޖަމިއްޔާތައް އަދި ހެޔޮ އެދޭ އަމިއްލަ ފަރާތްތައް މެދުވެރިކޮށް މި އެހީތައް ހޯދުމަށް މަސައްކަތްކުރުމެވެ.

120 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ ނަންއެލައިންޑް މޫވްމަންޓަކީ އދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. ރާއްޖެއަކީ 1976 އޮގަސްޓް 15 އިން ފެށިގެން ނާމްގެ ހަރަކާތްތެރި މެންބަރެކެވެ.