ޝަހީދާ އަބްދުﷲ ސައީދު
ކޮންމެ ރައްޔިތަކުވެސް ދިރިއުޅުމެއް ފަށާއިރު އަމިއްލަ ބޯހިޔާވަހިކަމެއް ހުރުމަކީ އަސާސީ ހައްގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ ގުޅުވައިގެން ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިރިއުޅުމެއް ފަށާއިރު އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައި ހުރުމަކީ އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އަސާސީ އެއް ހައްގު ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ވޯޓާއެކު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މިސަރުކާރު ގެނެސްފައިވަނީ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ ހިމާޔަތް ކުރުމަށް ކަމަށެވެ.
އަދި މިއަދަކީ ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަސްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާތަކާއި ވާޖިބުތަކުގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނުނެތޭ ކަމަށެވެ.
އަދި އަބުރުވެރި ތާހިރު ދިރިއުޅުމަކަށް ހުރަސް އަޅާނަމަ، އެހައްގު ހޯދުމަށް ރައްޔިތުން ތެދުވަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި މިދަތުރުފުޅުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.