ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހީކުރިވަރަށް ބަލި ނުފެތުރުނީ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ދިން އެއްބާރުލުމުގެ ސަބަބުން: ރައީސް

އަލީ ޔާމިން

ކުރީން ހީކުރިވަރަށް ރާއްޖޭގައި ކޮވިޑް 19 ނުފެތުރުނީ ސަރުކާރުން އެޅި ފިޔަވަޅުތަކާއި ސިއްހީ ހިދުމަތްތެރީންގެ އިރުޝާދުތަކަށް ރައްޔިތުން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަފުޅުގައި ވިދާޅުވީ، ކޮވިޑް 19 އިން ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު، ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީން ހީކުރިވަރަށް ވުރެ ރާއްޖޭގައި ކޮވިޑު 19 ނުފެތުރުނީ ސިއްހީ ހިދުމަތްތެރީންގެ އިރުޝާދާއެކު ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

"ކުރިން އަންދާޒާކުރި ހަލުވިމިނުގައި، މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ، މާތް ﷲގެ ވާގިފުޅާއެކު، ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖޭގައި ތިބި ސިއްހީ ހިދުމަތްތެރީންނަކީ މާ ގިނަ ބައެއް ނޫން ކަމަށާއި ނަމަވެސް އެބޭފުޅުންނަކީ ގައުމީ ރޫހުގައި ކަމުގެ އިލްމާއި ތަޖުރިބާއާއެކު މަސައްކަތް ކުރެވޭނެ ގާބިލް ބައެއް ކަމަށެވެ.

ރައީސް ސޯލިހު ވަނީ ކޮވިޑުގެ ދިމާވެފައިވާ އުނދަގޫތައް ތަހައްމަލުކޮށް، ކެތްތެރިކަމާއެކު ރައްޔިތުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.